ޓޫރިޒަމް މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ މަޤާމު ފުރުއްވަމުން ގެންދެވި އަހުމަދު ނާޒިމް މުހައްމަދާއި މުންއިމް އަނީސް އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށްފިއެވެ.
މި ބަދަލާ ގުޅިގެން އަހުމަދު ނާޒިމް މުހައްމަދު ވަނީ ދިވެހިބަހާއި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ. އަދި މުންއިމް އަނީސް ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ބަދަލުކުރެވިފައެވެ.
މި ދެ ބޭފުޅުންނަކީ މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރެވުނު އިބްރާހިމް ފައިސަލްގެ ވަރަށް ގާތް ދެ އެކުވެރިންނެވެ. ނަމަވެސް މި ދެ ބޭފުޅުން އެހެން މިނިސްޓްރީތަކަށް ބަދަލުކުރެވުނު ސަބަބެއް އަދި ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.

