މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުމުގެ އާދަތަކުގެ ސަބަބުން، އަދި އަމިއްލަ ހަށިގަނޑާމެދު ސަމާލުކަން ދެވޭ މިންވަރު ކުޑަވުމާއެކު، ބަރުދަން އިތުރުވެ، ބަނޑު ލާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ނަމަވެސް، މިކަމަށް ޙައްލެއް ހޯދުމަށް ގުދުރަތީ ގޮތްތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް ރާއްޖޭގައި ފަސޭހައިން ލިބެންހުރި ބައެއް ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކުރެވޭ ބުއިމަކުން މިކަމަށް ޙައްލު ހޯދިދާނެއެވެ.
މި ބުއިން ތައްޔާރު ކުރުމަށް ބޭނުން ކުރެވޭ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ދިރި، ފޮނިތޮށި، އިނގުރު، ކަރަންފޫ، އަސޭމިރުސް، ރީނދޫ އަދި ލުނބޯ ހިމެނެއެވެ. މިއިން ކޮންމެ ބާވަތަކީވެސް ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ، އަދި އެހެނިހެން ގިނަގުނަ ފައިދާތަކެއް ލިބޭ ބާވަތެކެެވެ.
ދިރިއާއި ރީނދޫ: ދިރީގައި އެކުލެވޭ މުހިންމު ބާވަތްތަކުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިކް ރޭޓް އިތުރުވެ، ކެލެރީ އަވަހަށް އެންދުމަށް އެހީތެރިވެދެއެވެ. އަދި ހަޖަމުކުރާ އެންޒައިމްތައް އިތުރުކޮށް، ކާނާގެ ބޭނުންތެރި ބައިތައް ރަނގަޅަށް ހަށިގަނޑަށް ލިބުމަށް މަގުފަހިކޮށްދެއެވެ. ރީނދުލުގައި އެކުލެވޭ ކަރކިއުމިންއަކީ ވަރުގަދަ އެންޓިއޮކްސިޑެންޓެއް ކަމުގައިވާތީ، މޭގައި ހުންނަ ސަރުބީގެ ޖަމާވުން މަދުކޮށް، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.
ލުނބޯގެ މުހިންމުކަން: ލުނބޯގައި އެކުލެވޭ ޕޮލިފެނޯލްސްއަކީ ހަށިގަނޑަށް ވަރަށް މުހިންމު ބާވަތެކެވެ. މިއިން އިންސިއުލިން ރެސިސްޓެންސް ރަނގަޅުކޮށް، ހަށިގަނޑުގެ މެދުގައި ހުންނަ މޭދާގެ ސަރަޙައްދުގެ ފަލަކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ. އަދި ލޭގައި ހުންނަ އިންސިއުލިން، ގްލޫކޯސް އަދި ލެޕްޓިންގެ މިންވަރު ރަނގަޅު ކުރުމަށް ވެސް މަގު ފަހި ކޮށްދެއެވެ. ބާކީ ދެން ހުރި ބާވަތްތަކަކީވެސް މިފަދަ ގިނަފައިދާތަކުން މުއްސަނދިވެފައިވާ ބާވަތްތަކެކެވެ.

ރީނދޫ، އަސޭމިރުސް، ފޮނިތޮށި، ކަރަންފޫ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ، އަދި އެހެނިހެން ގިނަގުނަ ފައިދާތަކެއް ލިބޭ ބާވަތެކެެވެ./ ފޮޓޯ:ގްރީންކިޗަން
ބުއިން ތައްޔާރުކުރާނެ ގޮތް:
މި ބުއިން ތައްޔާރު ކުރުމަށް ބޭނުން ވަނީ:
- 400 މިލިލީޓަރުގެ ފެން
- 1 ސަމުސާ ދިރި
- 1 އިންޗި ފޮނިތޮށި
- 1 އިންޗި އިނގުރު
- 3 ކަރަންފޫ
- 1/2 ސަމުސާ އަސޭމިރުސް
- 1/2 ސަމުސާ ރީނދޫ
- ލުނބޯ ފަޅިއެއްގެ ހުތް
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ފެނާއެކު ދިރި، ފޮނިތޮށި، އިނގުރު އަދި ކަރަންފޫ އެއްކޮށް މަޑުގިނީގައި ރަހަ ނިކުންނަން ދެން ކައްކާލަން ވާނެއެވެ. އޭގެފަހުން ފުރޭންޏެއް ބޭނުންކޮށްގެން ފުރާނައި، އަސޭމިރުސް، ރީނދޫ އަދި ލުނބޯހުތް އެއްކޮށްލާނީއެވެ.
ބޭނުން ނަމަ ކުޑަކޮށް ރަހަ ރަނގަޅު ކޮށްލުމުގެ ގޮތުން މާމުއިސަމުސަލެއް އެއްކޮށްލެވިދާނެއެވެ.

ރީނދޫ، އަސޭމިރުސް، ފޮނިތޮށި، ކަރަންފޫ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ، އަދި އެހެނިހެން ގިނަގުނަ ފައިދާތަކެއް ލިބޭ ބާވަތެކެެވެ./ ފޮޓޯ:ގްރީންކިޗަން
މި ބުއިން ބޭނުން ކުރާނެ ގޮތް
އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި، މި ބުއިން ކޮންމެ ދުވަހެއްގެ ހެނދުނު ހުސްބަނޑާ، ހެނދުނުގެ ފުރަތަމަ ބުއިމެއްގެ ގޮތުގައި ބޭނުންކުރުން މުހިންމެވެ. މިގޮތަށް ގަވާއިދުން ބޭނުންކުރުމުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، ބަނޑު ހިންދުމަށް އެހީތެރިވެދޭނެއެވެ.
މިއީ ގިނަ ބައެއްގެ ޔަގީންކަން ދީފައިވާ ބުއިމެކެވެ، މިބުއިން ބޭނުން ކުރި ފަރާތްތަކުން ބުނާ ގޮތުގައި މިއީ ގަވާއިދުން މަހެއްހާ ދުވަހު ބޭނުން ކޮށްލުމުން މީހާގެ އެތައް ގުނައެއްގެ ބަރުދަން ލުއިކޮށް ބަނޑުގައި ހުރި ބޭކާރު ސަރުބީތަކާއި މަސް ވިރުވައި ބަނޑު ހިންދާލަދެއެވެ.
ނަމަވެސް، މިފަދަ ކޮންމެ ބުއިމެއް ބޭނުންކުރުމުގެ ކުރިން، އަމިއްލަ ހަށިގަނޑުގެ ޙާލަތަށް ބަލައި، ދާއިމީ ބައްޔަކަށް ބޭސްފަރުވާއެއް ކުރަމުންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

