މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ލޭ އެޕް ގުޅިގެން “ޖޮއިން ދަ ހީރޯސް” ގެ ނަމުގައި ލޭ ހަދިޔާކުރުމުގެ ޤައުމީ ކެމްޕެއިނެއް މިއަދު ވަނީ ފަށައިފައެވެ. މި ކެމްޕެއިން ފައްޓަވައިދެއްވީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ތެލެސީމިއާ ހުންނަ މީހުންނަށް އަޅާލުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި ލޭ ބޭނުންވާ މީހުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށް ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި “ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެމްބީއެސްއަށް މީހުން އިސްވެ ލޭ ހަދިޔާކުރަނީ 35 އިންސައްތަ” ކަމަށް ވިދާޅުވިއެވެ. އަދި 2023 އާއި 2024 އަޅާބަލާއިރު ލޭ ހަދިޔާކުރާ މިންވަރު 33 އިންސައްތަ އިތުރުވެފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއީ އެންމެ އެކަށީގެންވާ މިންވަރެއް ނޫންކަމަށާއި، ޢާއިލާތަކުން އަދިވެސް ލޭ ލިބުމުގައި ދަތިތައް ހުރިކަން ފާހަގަކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ މުޅި ރާއްޖޭގައި އިސްވެ ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެއިތުރުން މިދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރެވޭނެ މަގު ފަހިކުރުމަކީވެސް ކެމްޕެއިންގެ މަޤްޞަދެކެވެ.
“ޖޮއިން ދަ ހީރޯސް” ކެމްޕެއިން ނިންމާލުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކަމުގައިވާ ޖޫން 14 ވަނަ ދުވަހުއެވެ.

