ރޭ ސަރުކާރުން ދައްކުވައިދިނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމާއި އެއްރުމާއި އެއްވެ އުޅުމުގެ ހައްޤު ކަށަވަރު ކޮށްދޭނެ ކަމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން މިރޭ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާއަށް އިޝާރާތްކުރައްވައި ހީނާ ވިދާޅުވީ، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ހާޒިރުގައި އިދިކޮޅުން މިރޭ ބޭއްވި މުޒާހަރާ ކުރިއަށް ގެންދިއުމަށް މި ސަރުކާރުން ފުރުސަތު ދިނުމަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދޭ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިހުތިރާމުކުރާނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.
“މިރޭ ފެނިގެން އެދިޔައީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތައް މި ވެރިކަމުގައި ނަގަހައްޓައި ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކޮށް ކަށަވަރުކޮށްދިނުން.” ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މަހެއްހާ ދުވަހުގެ ތައްޔާރީތަކަށްފަހު އެމްޑީޕީން މިރޭ މާލޭގެ ބައެއް މަގުތަކުގައި ބޭއްވި ހިނގާލުމުގައި އެޕާޓީގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ. މި މުޒާހަރާއަކީ ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ބޭއްވި މުޒާހަރާއެކެވެ.

