އައްޑޫ ސިޓީގެ ހަންކެޑެ ޑާޓާ ލިންކް ރޯޑު އާންމުންނަށް ހުޅުވާލައިފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު 00:00 އިން ފެށިގެން މި މަގު އާންމުންނަށް ހުޅުވާލި ކަމަށް ވަނީ ބުނެފައެވެ.
މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދެވުނު އައްޑޫ ރޯޑް އެންޑް ސްޓޯމް ވޯޓާ ޑްރެއިނޭޖް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ބައެކެވެ. މި މަޝްރޫޢު ސަރުކާރާ ހަވާލުކުރެވުނީ 2024 އޮގަސްޓު 11 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި، އައްޑޫ ހައި ސްކޫލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ހަންކެޑެ ޑާޓާ ލިންކް ރޯޑަކީ ދިގުމިނުގައި 1.5 ކިލޯމީޓަރުގެ މަގެކެވެ. މި މަގު ހެދިފައިވަނީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުންކުރަމުން އަންނަ ލިންކް ރޯޑުގެ ކައިރިން ހަންކެޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑެއާއި މަރަދޫއާ ގުޅާލުމަށްޓަކައެވެ.
މި މަޝްރޫޢުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި އައްޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 184.3 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މީގެ ތެރޭގައި ހިތަދޫގެ ދެ ސަރަހައްދަކުން 80 ހެކްޓަރު، މަރަދޫ އަދި މަރަދޫ-ފޭދޫގައި 76 ހެކްޓަރު، އައްޑޫ ޑީޓުއާ ލިންކް އެންބޭންކްމަންޓަށް 3.3 ހެކްޓަރު އަދި ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށް ހިމެނެއެވެ.
ހިއްކި ބިންތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ޖުމްލަ ހަތް ކިލޯމީޓަރުގެ ބޮޑުހިލަ ޖަހާފައިވާއިރު، ފަތުރުވެރިކަމަށް ހިއްކި ތިން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 4.1 ކިލޯމީޓަރުގެ ޖިއޯޓިއުބް ތޮށި ލާފައިވެއެވެ.

