މާދަމާއިން ފެށިގެން އައިޖީއެމްއެޗްގެ ލެބޯޓްރީގެ ޚިދުމަތްދޭ ގަޑިއަށް ބަދަލެއް ގެންނަން ނިންމައިފިއެވެ.
އެ ހޮސްޕިޓަލުން މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އައިޖީއެމްއެޗުން ލެބޯޓްރީގެ ހިދުމަތް ދެން ދޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އަށް ކަމަށެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި މި ބަދަލު ގެނައީ ހުސްބަނޑާ ތިބެ، ލޭ ނަގަން އަންނަ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެ ހޮސްޕިޓަލުން އިތުރަށް ވިދާޅުވި ގޮތުގައި، ކިއު ނަންބަރު ދޫކުރާނީ ހެނދުނު 7:00 އިން ފެށިގެން ރޭގަނޑު 9:30 އަށް ކަމަށެވެ. އަދި އިމަޖެންސީގައި ހަދަން ޖެހޭ ލެބް ޓެސްޓުތައް ހެދުމުގެ ހިދުމަތް، ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ލިބޭނެ ކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ކުރިން އައިޖީއެމްއެޗްގެ ލެބޯޓްރީގެ ހިދުމަތް ދެނީ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.

