އިންޑިއާ ސަރުކާރުން، މި ހިނގާ މާލީ އަހަރުގެ ބަޖެޓުގައި ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (69 މިލިއަން ޑޮލަރު) ދިނުމަށް ހިމަނައިފިއެވެ.
އިންޑިއާގެ މާލީ އަހަރު ގުނަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރު 2024-2025 ގެ ބަޖެޓުގައި އިންޑިއާއިން އެންމެ ފުރަތަމަ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ނިންމީ 72 މިލިއަން ޑޮލަރު ނަމަވެސް، ފަހުން އެ އަދަދު ވަނީ 54 މިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ. އެއީ ލަފާކުރި އަދަދަށް ވުރެ 18 މިލިއަން ޑޮލަރު ދަށް އަދަދެކެވެ.
އިންޑިއާގެ ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރަމަން މިއަދު ވަނީ އިންޑިއާގެ 2026-2025 އަށް އެކުލަވާލާ ބަޖެޓު އެ ގައުމުގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. މިއަދު ހުށަހެޅި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ވަނީ އެހީގެ ގޮތުގައި 69 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ކަނޑައަޅައިފައެވެ.
އިންޑިއާގެ އާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައިވަނީ ބޫޓާނަށެވެ. އެގޮތުން ބޫޓާނަށް 248 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. ދެވަނައަށް އެންމެ ބޮޑު އެހީއެއް ދޭން ނިންމާފައިވަނީ ނޭޕާލަށް ކަމަށްވާއިރު، އެ ގައުމަށް 80 މިލިއަން ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ރާއްޖެއަކީ އިންޑިއާއިން ތިންވަނައަށް އެންމެ ގިނަ ހިލޭ އެހީ ދޭން ނިންމި ގައުމެވެ.
މީގެ އިތުރުން އިންޑިއާގެ ބަޖެޓުގައި އަވަށްޓެރި އަދި ސަރަހައްދުގެ އެހެން ގައުމުތަކަށްވެސް ހިލޭ އެހީ ދިނުމަށް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި އަފްގާނިސްތާން، ބަންގްލަދޭޝް، ސްރީ ލަންކާ، މޮންގޯލިއާ، ސީޝެލްސް، މިޔަންމާ އަދި މޮރީޝަސް ހިމެނެއެވެ.

