އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އެ ހޮސްޕިޓަލުގެ އީޕޯޓަލްއަށް އިތުރު ޚިދުމަތްތަކެއް ތަޢާރަފުކޮށްފިއެވެ. މި ބަދަލާއެކު މިހާރު އީޕޯޓަލް މެދުވެރިކޮށް ބަލިމީހުންގެ ލެބް ރިޕޯޓާއި މެޑިކަލް ރިޕޯޓްތައް ބެލޭނެއެވެ.
އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވިގޮތުގައި، މީގެ ކުރިން ލެބް ރިޕޯޓް ހޯދުމަށް ހޮސްޕިޓަލުގެ ކައުންޓަރަށް ގޮސް ނަންބަރު ނަގަން ޖެހުނު ނަމަވެސް، މިހާރު ގޭގައި ތިބެގެން އޮންލައިންކޮށް މި ޚިދުމަތް ލިބޭނެއެވެ. މިއީ ބަލިމީހުންނަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ބަދަލެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މީގެއިތުރުން، އީޕޯޓަލްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އެޕޮއިންޓްމަންޓް ހެދުމުގެ ޚިދުމަތްވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ބަލިމީހުންނަށް އަދި އެމީހުންގެ ގާތްތިމާގެ މީހުންނަށާއި ބެލެނިވެރިންނަށް އެޕޮއިންޓްމަންޓްތައް ފަސޭހަކަމާއެކު ހަމަޖެއްސޭނެއެވެ.
އައިޖީއެމްއެޗްގެ އީޕޯޓަލްއަށް ގެނެވުނު މި ބަދަލުތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެ ހޮސްޕިޓަލުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

