ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ދިވެހިރާއްޖެ ފަޚުރުވެރިވާފަދަ ދާއިރާތަކަކަށް ހެދުމަށް މަސައްކަތްކުރައްވާނެ ކަމަށް، އައްޔަންކުރެވުނު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންނެވި ބަދަލެއްގެ ދަށުން، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެން، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ އެއްކޮށްލައްވައި، އެ ވުޒާރާގެ އައު ވަޒީރަކަށް ތާރިޤް އިބްރާހިމް ވަނީ މިއަދު އައްޔަންކުރައްވާފައެވެ.
މި ދެ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުން، ވަޒީރު ތާރިޤް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިން ފަޚުރުވެރިވާ އަދި އެންމެންނަށް މިހާރަށްވުރެވެސް ބޮޑަށް ފައިދާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށެވެ.
“ކުރީގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގައި ހުރި ސެކްޓަރތައްވެސް އިތުރަށް ކުރިއަރުވައި މި ދެ ދާއިރާ އެއްކޮށްގެން ވަރަށް މުހިންމު ކަންތައްތަކެއް ކުރެވިގެންދާނެ،” ވަޒީރު ތާރިޤް ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއަކީ ރާއްޖެ ފަޚުރުވެރިވާ ދާއިރާއަކަށް ހެދުމަށް އަޒުމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

