ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދުގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ވަނީ ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލްގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް އެތައް ބޭފުޅުންނަކާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ސަޢުދީ ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ރާއްޖެއިން އިޤްތިޞާދީގޮތުން އިސްކަންދެއްވާ ކަންކަމާއި، ފަތުރުވެރިކަމާއި، އުމްރާނީ ތަރައްޤީއާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވައި، އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ވަނީ ރިޔާދު އަދި މަދީނާގައި ދިރިއުޅުއްވާ ދިވެހިންނާއި ކިޔަވާކުދިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ރިޔާޒުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓަށް ޒިޔާރަތްކުރައްވައި، ސަޢުދީގައި ދިރިއުޅޭ ދިވެހިންނާއި އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް، ޚާއްޞަކޮށް ޙައްޖާއި އުމްރާއަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހް ބައިވެރިވެވަޑައިގެންނެވިއެވެ.

