2024 ވަނަ އަހަރު ދިރާގުގެ ސާފު ފައިދާ 945 މިލިޔަން ރުފިޔާއަށް އަރައިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ދިރާގުން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި 2.8 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 2.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 7.7 އިންސައްތައިގެ އިތުރުވުމެކެވެ.
މޯބައިލް އަދި ބްރޯޑްބޭންޑް ޚިދުމަތްތަކުން ލިބުނު އާމްދަނީ
ކުންފުނީގެ މައިގަނޑު ދެ ވިޔަފާރި ދާއިރާކަމުގައިވާ މޯބައިލް ޚިދުމަތްތަކުން 2024 ވަނަ އަހަރު 1.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ފިކްސްޑް ލައިން އަދި ބްރޯޑްބޭންޑް ޚިދުމަތްތަކުން 1.23 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ދެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ދިރާގުގެ މާލީ ހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، 2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ކުންފުންޏަށް 1.10 ބިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތައިގެ އިތުރުވުމެކެވެ.
މި ނަތީޖާތަކުން ދައްކައިދެނީ ދިރާގުގެ ވިޔަފާރިއަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބި، ކުންފުނީގެ މާލީ ހާލަތު ވަރުގަދަވަމުން އަންނަކަމެވެ.

