ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަމީހުންނަކީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ކަމަށާއި އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލައިފިނަމަ މުޖުތަމަޢު ނުރައްކަލަށް ހުށައެޅޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް ބޭއްވި “ބަންދު ފޯރަމް”ގެ ތެރެއިން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.
ސީޕީ ވިދާޅުވީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ބަންދުގައި ބައިތިއްބަންޖެހެނީ އެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމަޢަށާއި ޝަރީޢަތަށް ގެއްލުންތަކެއް ވާނެތީކަމަށެވެ. މީގެ ކުރިންވެސް އެފަދަ ބަންދުގައި ތިބި މީހުން ދޫކޮށްލާފައިވާކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ އޭގެ ނޭދެވޭ އަސަރު ޝަރީޢަތަށާއި މުޖުތަމަޢަށްކޮށްފައި އެބަހުރިކަމަށެވެ.
“ޤާނޫނުތަކަށް ބަދަލު ގެނެސްގެން ޓެގް އެޅުވިގެން މޮނިޓަރކުރެވިދާނެ. ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މޮނިޓަރކުރެވޭނެ ނިޒާމެއް ނެތި ހައްޔަރުކުރުމުގެ މަޤުޞައްދު ހާސިލެއް ނުވާނެ. މިވަގުތު ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން.” ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ މިވަގުތު ބަންދުގައި ތިބީ މަސްތުވާތަކެތީގެ މައްސަލަތަކުގައާއި ޖިންސީގޯނާގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހުން ކަމަށެވެ. އަދި މިފަދަ މީހުން ދޫކޮށްލުމަކީ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއްކަމަށާއި، ވިކްޓިމުންނަށްވެސް ނުރައްކާވެދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
ފުލުހުން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަކަށް ތަޙުޤީޤު ނިންމާ މައްސަލައާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވިއެވެ.

