ސްކޫލު ނިންމުމަށް ފަހު އިތުރަށް ކިޔެވުމުގެ ވިސްނުން ނެތް ކުދިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ނެޝަނަލް ސާވިސް ޕްރޮގްރާމުގެ އިދާރީ ކަންކަން ފަށަން، ރައީސް އޮފީހުގައި ސެކްޝަނެއް ހަދައި މީހުން ހޯދަން އިއުލާންކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، އެ އޮފީހުގެ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއޭޓަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދަން ބޭނުންވެއެވެ. މިއީ އެ އޮފީހުގައި ގާއިމުކުރި މުޅިން އާ ސެކްޝަނެކެވެ.
މި ޕްރޮގްރާމަކީ ކިޔެވުމުގައި އިތުރަށް ކުރިއަށް ނުދާ ދަރިވަރުން ސިފައިންގެ އާއި ޕޮލިހަށް ވެއްދުމުގެ ޕްރޮގްރާމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި އިޢުލާންކުރެއްވިއެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ކިޔަވާ ނިންމުމަށް ފަހު ދިރިއުޅުމުގައި އެއްވެސް ކަމެއް ނުކުރާ ކުދިންނަށް ވެސް އިތުރު ތައުލީމާއި ތަމްރީނު ފުރުސަތު ފަހިކޮށްދޭން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އޭގެ ތެރޭގައި އެ ކުދިން ސިފައިންގެ އާއި ޕޮލިހުން ފުރުސަތު ދިނުމާ އެކު އިތުރު އެހެން ދާއިރާތަކަށް ވެސް ނެރުން ހިމެނެއެވެ.
ރައީސް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް ކޮންމެ އަހަރަކު 1،000 މީހުން އަދި ފުލުހުންގެ ހިދުމަތަށް މި ދައުރުގައި 1،000 މީހުން ނެރެން ބޭނުންވާ ކަމަށެވެ. މި ޕްރޮގްރާމަށް މި އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އަލަށް އުފައްދާ ސެކްޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނޭޝަނަލް ސާވިސް ޕްރޮގްރާމާ ގުޅޭ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ހިންގުމާއި ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުން ހިމެނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހުގެ 1:00 އަށް ނިމޭނެއެވެ.

