މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް އަދާހަމަ ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
މިނިސްޓްރީން ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ވަޒީފާދޭ ފަރާތްތަކަށް އަންގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި މަސައްކަތް ނުނިމޭ ފަރާތްތަކުގެ އެކްސްޕެޓް ސިސްޓަމް ސަސްޕެންޑްކޮށް، ޚިދުމަތް މެދުކަނޑާލާނެ ކަމަށްވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިކަމާ ގުޅިގެން “އޮޕަރޭޝަން ކުރަނގި” ގެ ނަމުގައި ބޭއްވި އޮޕަރޭޝަނެއްގައި އެންމެ ދުވަހެއްގެ ތެރޭގައި 1،455 ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި އޮޕަރޭޝަން ފެށުނީ 2024 ވަނަ އަހަރުގެ މެއި މަހުގައި ކަމަށާއި، މިހާތަނަށް ނުވަ މަސް ދުވަހުގެ ތެރޭގައި 25،483 ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު ނެގިފައިވާކަން ފާހަގަކުރެވެއެވެ.
މާލެ ސަރަހައްދުގައި ބަޔޯމެޓްރިކްސް ނެގުމާއި އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރެވޭ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ކޯޑިނޭޓްކުރާނީ އެންސީއައިޓީން މި އޮޕަރޭޝަނަށް ޚާއްޞަކޮށް ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުންނެވެ. މި ސެންޓަރުން ޚިދުމަތް ފޯރުކޮށްދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

