އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ކުރާ ސަރޖަރީތައް ހުއްޓާލާފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގައި ކުރާ އެއްވެސް ސަރޖަރީއެއް ހުއްޓާލާފައި ނުވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްއިން ސޯޝަލް މީޑިއާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި، އެ ހޮސްޕިޓަލުގައި ކުރާ އެއްވެސް ސަރޖަރީއެއް ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. މީގެއިތުރުން، ޢާންމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް ހަޤީޤަތާ ޚިލާފު މަޢުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ޒިންމާދާރުކަމާއެކު މަޢުލޫމާތު ފެތުރުމަށް އައިޖީއެމްއެޗްއިން ވަނީ ނަޞޭހަތްތެރިވެފައެވެ.
އައިޖީއެމްއެޗްގައި ކުރިއެކޭވެސް އެއްގޮތަށް ސާރޖަރީ ހަދަމުންދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފައިވާއިރު، ސަރުކާރުން އަންނަނީ އެ ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް ރައްޔިތުންނަށް ފަސޭހަވާނެގޮތަށް ޚިދުމަތްތައް ބައްޓަންކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން، އީ-ޕޯޓަލް މެދުވެރިކޮށް ގާތްތިމާގެ މީހުންނާއި، ބެލުމުގެ ދަށުގައި ތިބޭ މީހުންގެ އެޕޮއިންޓްމަންޓު ހެއްދުމާއި ލެބް ރިޕޯޓްސް އަދި މެޑިކަލް ރިކޯޑްސް ބަލާލެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ.
އައިޖީއެމްއެޗްއިން މި މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި، ރައްޔިތުންގެ ޞިއްޙަތާ ގުޅުންހުރި މިފަދަ މުހިންމު މައުލޫމާތު ފަތުރާއިރު އިތުބާރުހުރި މަޞްދަރުތަކުން ކަށަވަރުކުރުމަށްފަހު މެނުވީ ނުފެތުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ހޮސްޕިޓަލުގެ ޚިދުމަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އައިޖީއެމްއެޗްގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ ޗެނަލްތަކަށް ޒިޔާރަތްކުރުމަށް ވެސް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.

