މޯލްޑިވްސް އިމިގްރޭޝަނުން މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ފިލައިގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، އިއްޔެ ޓާސްކު ފޯހުން ބަލައި ފާސްކުރި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީއެއް ފިލައިގެން އުޅޭކަމަށް ރިޕޯޓު ކުރެވިފައިވާ ތަނެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ ބިދޭސީ މީހާ ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން އެތައް ބިދޭސީންނެއް ވަނީ ހައްޔަރުކުރެވިފައެވެ.
މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށެވެ.

