ކުރިއަށް އޮތް ރަމަޟާން މަހުގައި ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށްޓަކައި 13 ޖެނެރޭޓަރު ސެޓު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ، މި ޖެނެރޭޓަރު ސެޓުތަކުގެ ތެރެއިން ބައެއް މިހާރު ވަނީ ރާއްޖެ ގެނެވިފައި ކަމަށާއި، އަދި މި ޖެނެރޭޓަރުތައް ސްޓެލްކޯގެ ކަރަންޓުގެ ނިޒާމާ ގުޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދަށް އަލަށް ގެންނަ ޖަނެރޭޓަރު ސެޓުތަކާއެކު ކަރަންޓު އުފައްދާ މިންވަރު މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރު ކުރެވޭނެ ކަމަށެވެ. މިގޮތުން އިތުރު ކުރެވޭ މެގަވޮޓުތަކާއެކު އެއްވެސް ޝޯޓޭޖެއްނެތި ރަމަޟާން މަހުގެ ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައި ރަމަޟާން މަހާ ދިމާކޮށް އިތުރުވާނެ ކަރަންޓުގެ ޑިމާންޑަށް ތައްޔާރުވުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަނުން ވެސް ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާހް ވިދާޅުވީ، ރަށްރަށުގައި ޓެކްނިކަލް އިވެލުއޭޝަނެއް ހަދައި، މައްސަލަ އުޅޭކަމަށް ފާހަގަކުރެވުނު 46 ރަށަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ ހޫނު މޫސުމާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ފެނަކައިން ވަނީ 39 ޖަނެރޭޓަރު ސެޓު ހޯދުމަށް އިޢުލާން ކޮށްފައެވެ.
ސަރުކާރުން ވަނީ މި ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަ ހައްލު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

