ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު ފަސްވަނަ އިޞްލާޙާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ގުޅުންހުރި އިދާރާތަކާއެކު މިއަދު އިސްކަންދަރު ބިލްޑިންގގައި މުހިންމު ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި މާލީ އިދާރާތައް ގުޅިގެން ގައިޑްލައިނެއް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ފުލުހުން އެންޓި ސްކޭމް ސެންޓަރާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އިންތިޒާމުކުރި މި ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ، ދިރާގު، އުރީދޫ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ އިސްވެރިން ބައިވެރިވިއެވެ.
ފުލުހުން ހާމަކުރިގޮތުގައި، ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިޞްލާޙުގެ މުހިންމު ބައިތަކާއި، އޭގެ ސަބަބުން އިދާރާތަކުގެ މަސައްކަތަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުންނެވެ. އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް އެކުލަވާލާ ގައިޑްލައިނަށް ބޭނުންވާ މަޢުލޫމާތުވެސް ހިއްސާކުރެވުނެވެ.
މި ބައްދަލުވުމުގައި އޮންލައިން މާލީ މުޢާމަލާތްތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވުނެވެ. މިގޮތުން، ޓެލެކޮމިއުނިކޭޝަން ކުންފުނިތަކާއި ބޭންކުތަކުން އަޅަމުންދާ ސަލާމަތީ ފިޔަވަޅުތަކާއި، އިތުރަށް ތަރައްޤީކުރަންޖެހޭ ދާއިރާތައް ފާހަގަކުރެވުނެވެ.
އަދި ސްކޭމްގެ މައްސަލަތަކުގައި ތަޙްޤީޤީ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މިއީ ގާނޫނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

