ނ. މާވައިދޫ ކައިރިން ހިލަ އާއި ހިލަވެލި އަދި ސިމެންތި އުފުލަމުން ދިޔަ ސަޕްލައި ދޯންޏެއް މިއަދު ފަރަށް އަރައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ފަރަށް އެރި “ވެނިސް” ނަމަކަށް ކިޔާ މި ދޯންޏަކީ މާލެއިން ފުރައިގެން ހއ. އަތޮޅަށް ދަތުރުކުރި 100 ފޫޓުގެ ސަޕްލައި ދޯންޏެކެވެ. މި ދޯނީގައި 13 ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ރޭ ދަންވަރު 4 ޖަހާކަށްވާއިރުއެވެ. އަދި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފުން ވަނީ ސަލާމަތީ އޮޕަރޭޝަން ފަށާފައެވެ.
މި ދޯނި ފަރަށް އެރި ސަބަބާއި، ދޯންޏަށް ލިބުނު ގެއްލުމުގެ މިންވަރު އެނގިފައެއް ނުވެއެވެ.

