ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މިވުޒާރާގެ ޓީމެއް ދަ ކްރޮސްރޯޑްސް މޯލްޑިވްސްއަށް ޒިޔާރަތްކުރައްވާ އެތަނުގައި ދަނޑުވެރިކަމިގެ ތަކެތި ހައްދާގޮތްތައް ބައްލަވަވައިލައްވައިފިއެވެ.
ރިސޯޓުތަކާއި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް ކުރެއްވި މި ދަތުރުފުުގައި އެމަނާ ވަނީ އެތަނުގެ ބަދިގެއަށް ބެނުންވާ ކާނާ ދަނޑުތަކުގައި އުފައްދާ ގޮތްތައް ބައްލަވާލައްވަވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ. މި ޒިޔާރަތުގައި އެތަނުގެ ގަސްގަހާގެހި އިންދާ ބަލަހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު ގޮތްތައް ބައްލަވާލެއްވިއެވެ.މި ދަތުރުން މި ވުޒާރަގެ ޓީމަށް ފާހަގަކުރެވުނީ ރިސޯޓުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަމާއި ފުރިހަމަކަމެވެ. އަދި އެތަނުގެ މަސައްކަތްތަކުން ފާހަގަކުރެވުނީ ރާއްޖޭގެ ދަނޑުވެރިކަމަށް އެހީތެރިވުމުގައި ރިސޯޓުތަކަށް އަދާކުރެވިދާނެ މުހިންމު ދައުރެވެ. އެއީ ރާއްޖޭގައި އުފައްދާ ތަކެތި ގަތުން އިތުރުކުރުމުގެ ގޮތުން ކަމުގައިވިޔަސް، ހައިޑްރޯޕޯނިކްސް ނުވަތަ އެހެނިހެން ގޮތްތަކަށް ގަސްއިންދާ، އިންވެސްޓްކުރުން ކަމުގައިވިޔަސް، ނުވަތަ ރާއްޖޭގެ ދަނޑުވެރިންނާ ހުނަރު ޙިއްސާކުރުން ކަމުގައިވިޔަސްމެއެވެ.
މި ގޮތްތައް ދެނެގަތުމުގެ މަޤްޞަދަކީ ރާއްޖޭގައި އުފައްދާ ކާނާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރުވައި، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން ފަތުރުވެރިކަމުގެ ޞިނާޢަތަށާއި މުޅި މުޖުތަމަޢަށް ފައިދާކުރާނެ، އަދި ދެމެހެއްޓެނިވި ކާނާގެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.

