އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ފިޔަވަތީގެ ކުދިންނަށް ދިރާސީ އާ އަހަރަށް ބޭނުންވާ ޔުނީފޯމާއި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށާއި، އަންދާސީ ހިސާބު ހުށަހެޅުން މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީގައި އޮންނާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އީމެއިލް މެދުވެރިކޮށް ގުޅުމަށް މިނިސްޓްރީން އަންގަވާފައިވާއިރު، ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެ ކަމަށް ވެސް އަންގަވާފައިވެއެވެ.
މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދެއްވާފައިވަނީ މައުލޫމާތު ފުރިހަމަނުވާ އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ ފަސްވަނަ ދުވަހުގެ 14:00 ގެ ކުރިން ދެވިފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

