ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން، ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފިއެވެ. މި ނިންމެވުން ނިންމެވީ ރައީސް އޮފީހުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުއެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) ދާއިރާގެ ޙިއްޞާވާ މިންވަރު އިތުރުކުރުމާއި، ޑިޖިޓަލް އިޤުތިޞާދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް މަޝްވަރާކުރެވުނެވެ. އަދި ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި، އައިސީޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ޓެކްނޯލޮޖީ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.
ޑިޖިޓަލައިޒް ކުރުމަށް ކަނޑައެޅުއްވި މުހިންމު އަސާސްތަކުގެ ތެރޭގައި:
- ޤައުމީ ފެންވަރުގައި ހިންގާ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކުރުން
- ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ ޙިއްސާކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުން
- އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް މަރުކަޒީ މަންސަތައް އެކަށައެޅުން
- ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން
- ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުން
- އީ-ފާސް އަދި ޑިޖިޓަލް ސޮއި ތަޢާރަފުކުރުން
- ޑިޖިޓަލް ރޮނގުން އަހުލުވެރި މަސައްކަތުގެ އާބާދީއެއް ބިނާކުރުން
- އައިސީޓީ ޚިދުމަތްތައް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން
- ޓެކްނޯލޮޖީގެ ސިނާއަތުގައި އިނޮވޭޝަން ހަބެއް ޤާއިމްކުރުން
މި ނިންމުންތަކަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ. މި ކަންކަން ތަންފީޒުކުރުމަށް މަގުޗާޓެއް ކަނޑައަޅައި، އެކި ކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

