ފަލަސްތީނުގެ ގާޒާގައި ހިންގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން އަރަބި ގައުމުތަކުން ނިންމި ނިންމުންތަކަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ. މިކަން އަންގައިދިނީ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނަކުންނެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މިސްރުގެ ވެރިރަށް އަލް ގާހިރާގައި އިއްޔެ ބޭއްވުނު “އަރަބް ސިކްސް-ޕާޓީ” މަޝްވަރާ ބައްދަލުވުމަށާއި އެ ބައްދަލުވުމުގެ ނިންމުންތަކަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށެވެ.
މީގެއިތުރުން، ގާޒާގައި ހިންގަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންގެންދާ އެންމެހާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަމަށާއި، އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ގާޒާގެ ހާލުގައި ޖެހިފައިވާ ހުރިހާ ސަރަހައްދަކަށް ލަސްނުކޮށް، އެއްވެސް ހުރަހަކާ ނުލައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަށް ހަލުވިކަމާއެކު އެޅުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
ގާޒާ އަލުން އާރާސްތުކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަގުވާމީ ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށްވެސް ދިވެހިރާއްޖެއިން މަރުހަބާ ކިޔާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ހައްލެއް ލިބޭނީ 1967ގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ގަތަރުގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހު އިޒްރޭލާއި ހަމާސްއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވަނީ މިދިޔަ މަހުގެ 15 ގައެވެ. މި އެއްބަސްވުމުގެ ދަށުން ހަމާސްއިން ހައްޔަރުކޮށްފައިވާ ރަހީނުން އަނބުރާ ހަވާލުކުރުމުގެ އިތުރުން އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލުމަށް އެއްބަސްވެފައިވެއެވެ.
ފާއިތުވި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ގަތަރުގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހުގައެވެ. މި އެއްބަސްވުމުގެ ދަށުން، ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމާއި އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނު ގައިދީން މިނިވަންކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާގައި ހަމާސްއިން ވަނީ އިޒްރޭލުގެ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ރަހީނުންގެ ގޮތުގައި ހިފަހައްޓާފައެވެ. އޭގެ ރައްދުގައި އިޒްރޭލުން ހަމާސް ނައްތާލުމުގެ ނަމުގައި ގާޒާގައި ހިންގި ހަމަލާތަކުގައި 47،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، މުޅި ގާޒާ ވަނީ ވީރާނާވެފައެވެ.
އިޒްރޭލުން ގާޒާގައި ހިންގި މި ޢަމަލުތައް ބައިނަލްއަޤްވާމީ ފަރާތްތަކުން ވަނީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. މި ހަނގުރާމައިގެ ސަބަބުން ގާޒާގެ އާންމު ރައްޔިތުންނަށް ލިބުނު ގެއްލުމާއި އަނިޔާގެ ސަބަބުން، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

