ރަމަޟާން މަހާ ދިމާކޮށް، ގޭގައި ބޭނުންކުރާ ތަކެތި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ޚާއްސަ ކެމްޕެއިނެއް “އެއްގެއިން އަނެއްގެއަށް” ގެ ނަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ ކޮންމެ ގެއަކުންވެސް ބޭނުންކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނުފަދަ ތަކެތި ހަދިޔާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ކެމްޕެއިން ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކެމްޕެއިންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅުމަށް ވަނީ އަންގަވާފައެވެ. އަދި ކޯލް ސެންޓަރަށް ގުޅޭނެ ގަޑިތަކެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އާދިއްތައިން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން 13:00 އަށާއި، ހުކުރު ދުވަހު 15:00 އިން 18:00 އަށް، އަދި ހޮނިހިރު ދުވަހު 10:00 އިން 14:00 އަށް ގުޅުމަށް ވަނީ އަންގަވާފައެވެ.
އެޗްޑީސީން ވިދާޅުވެފައިވާ ގޮތުގައި މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީ ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމެވެ. މީގެއިތުރުން، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލުކުރުމާއި، ކުނީގެ ގޮތުގައި ނައްތާލަންޖެހޭ ތަކެތި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރުއެޅުންވެސް ހިމެނެއެވެ.
ހަދިޔާކުރެވޭ ތަކެތި ރުއްގަނޑު އެކެއްގައި ބެހެއްޓުމަށްފަހު، ބޭނުންވާ ފަރާތްތަކަށް އެ ތަކެތި ހިލޭ ގެންގޮސްދިނުމުގެ އިންތިޒާމު އެޗްޑީސީގެ ޓީމުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކުރައްވާފައެވެ.

