މައިންބަފައިންނަށާއި ބެލެނިވެރިންނަށް އެންމެ އުފާވެރި އެއް ވަގުތަކީ ދަރިފުޅަކު ކިޔެވުމުން ރަންވަނަ އެއް ހާސިލުކޮށްގެން އަންނަ ވަގުތެވެ. ހާއްސަކޮށް އޯލެވެލްފަދަ މާއްދާއަކުން ދުނިޔޭގެ އެތައްދަރިވަރުންތަކެއްގެ މެދުގައި ވިދާތަރިތަކުގެ މެދުގައި އުޖާލާ ހަނދަކަށް ވެގެން ދަރިފުޅަކުގެ ނަން އިވޭ ވަގުތުގެ އިހުސާސް ބުނެދިނުމަކީ ގަލަމަކުން ކުރަން ފަސޭހަކަމަކަށް ނުވާނެކަން ޔަގީނެވެ.
ހދ ކުރިނބީ ފެސްކޯ ސޮފޫރާ އާދަމް އާއި އަލީ ޒިޔާދު އަހުމަދަށްވެސް މިފަދަ ވަގުތެއްގެ އުފާވެރިކަން، ނިހާއީ ފަޚުރާއެކު އިހުސާސް ކުރެވޭނެކަން ހަމަ ޔަގީނެވެ. މުޅި ދުނިޔެއިން އެއްވަނަ ހާސިލު ކުރުމާއެކު އެދެމަފިރިންގެ ދޮށީ ދަރިފުޅު އަޙްމަދު ޒައިން ޢަލީ، ރަށަށް ހޯދައިދިން ފަޚުރު ވެސް ވަކި ކުޑައެއް ނޫނެވެ. ހއ. ކުރިނބީ ސްކޫލުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ސްކޫލަކުން ދުނިޔޭގެ ވަނައެއް ހޯދައިދިން ދަރިވަރަކީ ޒައިނެވެ. އޯލެވެލް އިމްތިހާނުގައި އިނގިރޭސި މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދައި، އެ ސްކޫލުގެ ނަން ދުނިޔޭގެ ޗާޓުގައި ފާހަގަކޮށްލި ދަރިވަރެކެވެ.
އުންމީދުތަކުގެ ފެށުން
ފާއިތުވި އަހަރު ކުރިނބީ ސްކޫލުން 8 ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވިއެވެ. މި ދަރިވަރުންގެ ތެރެއިން 3 ދަރިވަރުން ޤައުމީ ގަދަ ދިހައިގެ ތެރޭގައި ހިމެނުނެވެ. ޒައިން ހޯދީ ޤައުމީ ފެންވަރުގައި 9 ވަނައެވެ. އިނގިރޭސި މާއްދާއިން ދުނިޔޭގެ ވަނައެއް ހޯދުމަކީ އޭނާ އަބަދުވެސް ކުރަމުން އައި އުންމީދެކެވެ.
ކާމިޔާބީގެ ސިއްރު
ޒައިންގެ ކާމިޔާބީގެ ސިއްރަކީ އޭނާގެ ޝައުޤުވެރިކަމާއި ހިތްވަރެވެ. އިނގިރޭސި މާއްދާއިން ކުރިއެރުން ހޯދުމަށް އޭނާ އެންމެ ބޮޑަށް ބަރޯސާވީ ފިލްމުތަކާއި ސީރީޒްތައް ބެލުމަށެވެ. މީގެއިތުރުން، ޓީޗަރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ، ފިލާވަޅުތަކަށް ސަމާލުކަން ދިނުމަކީވެސް އޭނާގެ ކާމިޔާބީގެ މުހިންމު ބައެކެވެ.
ހުވަދޫމީޑިއާ އަށް ދަރިފުޅުގެ ވާހަކަ ހިއްސާކޮށްދެމުން ޒައިންގެ ބައްޕަ ޒިޔާދު ބުނީ، "ވަރަށް ބަސް އަހާ ކުއްޖެއް، އެންމެނަށްވެސް އިހުތިރާމު ކުރާ ގަދަރު ކުރާ ކުއްޖެއް ޒައިން އަކީ، އަޚްލާޤާއި ސުލޫކުވެސް އެހާ ރަނގަޅު، ވަރަށް އުފާވޭ، އަޅުގަނޑުމެން އުއްމީދު ކުރިން ގަދަ ދިހައަކަށް، ފެށުނީއްސުރެވެސް އަބަދުވެސް ރަނގަޅު ނަތީޖާ ހޯދަމުން އައި ކުއްޖެއް ވީމަ، އެކަމަކު ދުނިޔެއިން އެއްވަނަ އެހެން ހިތަށް ނާރާ، އެކަމަކު ޒައިންގެ މަންމަ ބުނި މަސަައްކަތްކޮށްފިނަމަ ދުނިޔޭގެ ވަނައެއް ވެސް ހަމަ ލިބިދާނެއޭ، ދެން މިވަރުގެ ވަނަ އެއް ލިބުނީމަ ވަރަށް ބޮޑަށް އުފާވޭ، އުއްމީދަކީ ދެން ވެސް ކުރިމަގުގައިވެސް ޒައިން ކާމިޔާބުވުން،"

ޕްރީސްކޫލުގައި އެކުގައި ކިޔެވި ކްލާސްމޭޓުންނާއި ގްރޭޑް 7 އިން 10 ގެ ލީޑިންގ ޓީޗަރާއެކު ޒައިން(ކަނާތްފަރާތުން 3 ވަނައަށް ޒައިން)/ ފޮޓޯ: ޒައިން
ޒައިންގެ ބައްޕަ ކިޔައިދިން ގޮތުގައި ޒައިން އަކީ ވަރަށް ރަނގަޅު ބެލެންސްޑް ލައިފްސްޓައިލެއްގެ ދަރިވަރެކެވެ. "ކުޅެންވެސްދާނެ، ސީރީސް ވެސް ވަރަށް ބަލާނެ، ރައްޓެހިންނާއެކު ވަގުތު ވެސް ހޭދަކުރާނެ، ގޭމުވެސް ކުޅޭނެ. އެދެން ވަރަށް ހާއްސަކޮށް ކުރާ ކަންތައްތަކެއް، ދެން އަނެއްހެން އަޅުގަނޑުމެން މަޖުބޫރުކޮށްގެން އެއްވެސް ކަމެއް ނުކުރުވަން، ޒައިން އަކީ ހަމަ ވަރަށް ރަނގަޅު ކުއްޖެއް ވީމަ އިތުބާރު އޮވޭ،"
ޒައިންގެ މަންމައާއި ބައްޕަގެ އުއްމީދަކީ އަދި ދުއާއަކީ ދެން ވެސް އަބަދުވެސް ޒައިންއަށް ދުވަހަކަށްވުރެ ދުވަހެއް ކާމިޔާބު ވަމުން ދިއުމެވެ. އަބަދުވެސް ކޮންމެ ކަމެއްގައިވެސް ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމެވެ.
ޒައިންއާ ވާހަކަ ދައްކާލުމުން ހާމަވެ އެނގުނު ކަމަކީ އަމިއްލަ ނަފުސަށް ދޭ ޔަގީންކަމާ އެއްވަރަށް ދުވަސް ބެހިފައި އޮންނަނީ ހުރިހާ ކަމެއް އެކުލެވޭ ތާވަލެއްގެ މައްޗަށް ކަމެވެ. ގޭތެރޭގެ އަމިއްލަ ކަންކަމާއި، ފަސްވަގުތުގެ ނަމާދާއި ފިލާވަޅާއި ސީރީޒްއާއި ކުޅިވަރާއި ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކާއި އަމިއްލަ ހިތްހަމަޖެހުމަށް ދޭ ވަގުތުކޮޅަށް ދާނދެން ޒައިން ކަންކަން ބައްޓަންކޮށް ކުރިއަށް ގޮސްފައިވަނީ ހަމަހަމަ ގޮތެއްގައެވެ. ވަކި ޓެސްޓަށޭ ބުނެ ހޭލައި ފިލާވަޅު ދަސްކުރަން އިނުން މުހިންމު ނުވާނެއެވެ. މުހިންމު ވާނީ ދުވަހުންދުވަހަށް ދޭ ފިލާވަޅުތައް އެދުވަހުން ދުވަހަށް ނިންމައި ނޭނގުނު އެއްޗެއް ނަމަ ހަމަ އަނެއްދުވަހު އެކަމެއް އޮޅުން ފިލުވުމެވެ.
"ދުވަހަކުވެސް ޓިއުޝަން ނުނަގާ، އަޅުގަނޑުމެން އެދުނިން ޓިއުޝަން ނަގަން، އެކަމަކު ޒައިން ބޭނުން ނުވީ، މިހާރު މަތީގްރޭޑުވީމަ ބޭނުންވެދާނެތޯ ވެސް އެހިން، އަދިވެސް ޓިއުޝަން ނުނަގާނެ ކަމަށް ބުނީ،" ޒައިންގެ ބައްޕަ ކިޔައިދިނެވެ.
ޓިއުޝަން ނުނެގިއަސް ދަރިވަރަކު މަސައްކަތް ކޮށްފިނަމަ ކާމިޔާބު ވާނެ ކަން ޒައިން މިވަނީ ސާބިތުކޮށްދީފައެވެ.
"ޓިއުޝަން ނުނަގަން، ފިލާވަޅު ބުނެދޭ ވަގުތު ފަސޭހައީ ވިސްނައި ދެނެގަންނަން،" ޒައިން ބުނީ މުދައްރިސް ކިޔަވައިދޭ ގަޑީގައި އަޑު އެހުމުން ދަސްކުރަން ފަސޭހަވެގެންދާ ކަމަށެވެ.
ޒައިންއަށް އާއިލާއާ އެއްވަރަށް އޭނާގެ ރައްޓެހި ރަހުމަތްތެރިންވެސް ވަރަށް މުހިންމެވެ. "ވަރަށް ގިނައިން ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން،" ގޭމު ކުޅުމާއި ސީރީޒް ބެލުންފަދަ ކަންކަމަކީ، (އެކަން ކުރަން އޮންނަ ރަނގަޅު ގޮތުގައި ކުރާނަމަ) ހަގީގަތުގައި އިނގިރޭސި ބަހަށް ދަރިވަރަކު ކުރިއަރައިގެން ދިއުމުގެ ހާއްސަ ބައިތަކެކެވެ.

ވާތްފަރާތުގައި ޒައިން
ޒައިންގެ ކާމިޔާބީގެ ސިއްރަކީ ދުލުން ނުބުންޏަސް ބުރަ މަސަައްކަތްތަކެއްގެ ނަތީޖާކަން ޔަގީނެވެ. ހުރިހާ ވަގުތެއް ފޮތާއެކު ހޭދަނުކުރިއަސް އިލްމު އުނގެނުމަށް، (އަމުދުން މިފަދަ ތަރައްގީވެފައިވާ ޓެކްނޮލޮޖީގައި ކުރިއަށް ޖެހިފައިވާ ޒަމާނެއްގައި،) އުޅޭ މާހައުލާއި ކުރާ ކަންކަމުގެ ތެރެއިންވެސް މައުލޫމާތާއި އިލްމު ލިބުމަކީ ހަމަ ދާދި ފަސޭހަ ކަމެކެވެ. ޒައިން ސާބިތުކޮށްދީފައި އެވަނީ އެއީވެސް ކިޔެވުމުގައި އުސްމިނަކަށް ދެވިދާނެ މަގެއް ކަމެވެ.
ޒައިންގެ މަންމަގެ ހުވަފެން ސީދާކޮށްދެވުނީތީ، މަންމައާއި ބައްޕަގެ އުއްމީދު ރޯޝަން ކޮށްދެވުނީތީވެ އޭނާ ހުރީ އިންތިހާއަށް އުފާވެފައެވެ.
މިހާރު ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި އޭލެވެލްއަށް ކިޔަވަމުންދާ ޒައިން، އަމާޒު ހިފާފައިވަނީ ހައި އެޗީވަރސް ނުވަތަ ޕްރެޒިޑެންޝަލް ސްކޮލަރޝިޕް ހޯދުމަށެވެ. އިތުރަށް އޮޅުން ފިލުވާލުމަށް އަހާލުމުން ޒައިން ބުނީ "ބޭނުންވަނީ ކިޔެވުމުން ދެވޭ އެންމެ ކުރިއަކަށް ދާން، އަދިދެން ރަނގަޅު ނަތީޖާއަކާއެކު ރަނގަޅު ވަޒީފާއެއް، އެކައުންޓެންޓް ދާއިރާއިން ކުރިއަށްދާން،"
ރަށްރަށުން އާންމުކޮށް ކިޔަވާ ނިމިގެން މާލެ ބަދަލުވެ ވަޒީފާއަށް މާލޭގައި ދިރިއުޅުމާ ބެހޭ ގޮތުން، ޒައިންގެ ވިސްނުން ހުރީ ކިހިނެއްތޯ އަހާލުމުން ހަމަ ވަރަށް އަވަހަށް ޖަވާބު ދިނެވެ.
"ބޭނުމީ ރަށުގައި ހުންނަން، އެކަމަކު ދެން ރަނގަޅު ރަނގަޅު ވަޒީފާއެއް ނުލިބުނިއްޔާ ނެތިއްޔާ މާލެވެސް ދާން ޖެހިދާނެ،"

ޒައިންއަށް ހަދިޔާއެއް ދެނީ(ދެވަނައަށް ޒައިން) / ފޮޓޯ:ޒައިން
ޝުކުރު
ޒައިން ވަނީ އޭނާގެ މި ކާމިޔާބީގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މަންމައާއި ބައްޕަ، އާއިލާގެ ލޯބިވާ އެންމެނަށް، ގާތް އެކުވެރިންނަށް، ކުރިނބީ ސްކޫލުގެ ޓީޗަރުންނާއި، ޕްރިންސިޕަލް އަދި މެނޭޖްމަންޓްގެ އެހީތެރިކަން ފާހަގަކޮށް ޝުކުރު ދެންނެވިއެވެ.
ޒައިންގެ ނަސޭހަތަކީ އުނގެނުން މުހިންމެވެ. ފަހަތަށް ނުޖެހި ކިޔެވުން ހުއްޓާނުލައި ކުރިއަށް ދާށެވެ. ޒައިން އިރުޝާދު ދިނީ، ކިޔެވުމުގައި ދެމިތިބެ، ފަރުވާތެރިކަމާއެކު މަސައްކަތްކުރުމަށެވެ. އަދި ހަމައެއާއެކު، ރަނގަޅު ރަޙްމަތްތެރިންނާއެކު ކިޔެވުމުގެ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
ޒައިން އިތުރަށް ލަފާދިން ގޮތުގައި، ރަނގަޅު އެކުވެރިންނަކީ ކިޔެވުމަށް ހިތްވަރު ލިބޭނެ ބައެކެވެ. އެހެންކަމުން، އެފަދަ އެކުވެރިން ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ. "ރަނގަޅު ރަހްމަތްތެރިންނަކީ ހަގީގަތުގައިވެސް ވަރަށް މުހިންމު ބައެއް،" ތެދެކެވެ. އެކުވެރިން، ރަހުމަތްތެރިންނަކީ ނުހަނު ހާއްސަ މުހިންމު ބައެކެވެ. މީހަކީ ކޮންކަހަލަ މީހެއްތޯ ދެނެގަތުމަށް ފުރަމަވެސް ބެލޭނީ އެމީހެއްގެ އެކުވެރިންނަށެވެ. އެހެންކަމުން ތިމާ ހިޔާރު ކުރާ އެކުވެރިންނަކީ ކާމިޔާބީގެވެސް ނާކާމިޔާބީގެވެސް ހަގީގީ ހިއްސާދާރުންނެވެ.
ހުވަދޫމީޑިއާ އިން ޒައިންއާއި ޒައިންގެ މަންމައާއި ބައްޕަ، އާއިލާ، އަށް ވަރަށް ވެސް ހޫނު އުފާވެރި މަރުހަބާއެއް ދަންނަވަމެވެ، މުޅި ރަށަށް ޒައިން ހޯދައިިދިން ފަހުރުވެރި ނަމަށްޓަކައި، މިމީޑިއާއިން ޒައިނަށް ސާބަސް ދިނުމާއެކު ސެލިއުޓް ކުރަމެވެ. ހުވަދޫމީޑިއާގެ މުޅި ޓީމުން އެދެނީ ޒައިންއަށް ވަރަށްވެސް ފަހި ފާގަތި، ކާމިޔާބު ފެހި މާދަމާއެއް ލިބިގެން ދިއުމެވެ. އާމީން!

