ފުވައްމުލަކު ހޮސްޕިޓަލުން ގިނަ އަދަދެއްގެ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ. މި އިޢުލާނުގައި ޖުމްލަ 13 ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.
ހޯދަން ބޭނުންވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ކޮންސަލްޓަންޓް، ކޮންސަލްޓަންޓް، ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރާ އަދި ސްޕެޝަލިސްޓް ރެޖިސްޓްރާގެ މަޤާމުތައް ހިމެނެއެވެ. މީގެ އިތުރުން އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީ، މެޑިސިން، އެނެސްތީސިއޮލޮޖީ، ޕީޑިއެޓްރިކްސް، ސަރޖަރީ، ރޭޑިއޮލޮޖީ، އޮޕްތަލްމޮލޮޖީ އަދި އޯތޮޕީޑިކްސްގެ ސްޕެޝަލިސްޓުންވެސް ހިމެނެއެވެ.
މި މަޤާމުތަކުގެ އަސާސީ މުސާރަ ހުރީ 26,231 ރުފިޔާއިން 29,275 ރުފިޔާއާ ދެމެދުގައެވެ. ޝައުޤުވެރިވާ ދިވެހި ޑޮކްޓަރުންނަށް 2025 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެޕްލައި ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އެޕްލިކޭޝަން ހުށަހެޅޭނީ ފުވައްމުލަކު ހޮސްޕިޓަލްގެ އޮފީހަށް ނުވަތަ fuvahmulahhospital@health.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.
ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި އެސެސްމަންޓް ކުރިއަށްދާނީ ފެބްރުވަރީ މަހުގެ 16 އިން 20 އާ ދެމެދުގައެވެ. މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު 6861860 ނަންބަރުން ލިބޭނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

