އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް 817 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މިއީ 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.3 އިންސައްތަ ދަށަށް ގޮސްފައިވާ ކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އާސަންދައިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ބޭސްފަރުވާއަށް 854 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2024 ވަނަ އަހަރުގެ އޮކްޓޯބަރު 1 އިން ޑިސެމްބަރު 31 އަށް މި އަދަދު ވަނީ 817 މިލިޔަން ރުފިޔާއަށް ދަށްވެފައެވެ.
މީގެ އިތުރުން، އާސަންދަ މެދުވެރިކޮށް ޚިދުމަތް ހޯދި ފަރާތްތަކުގެ އަދަދުވެސް ވަނީ މަދުވެފައެވެ. 2023 ވަނަ އަހަރުގެ ފަހު ކުއާޓަރގައި 279,851 މީހުން ޚިދުމަތް ހޯދާފައިވާއިރު، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 278,330 އަށް ދަށްވެފައެވެ.
އާސަންދައިން އިތުރަށް ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރުގެ ފަހު ކުއާޓަރގައި ކުއްލި ޙާލަތުގައި އެއް ރަށުން އަނެއް ރަށަށް 1,393 ފަހަރު މީހުން ގެންގޮސްފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި 2,327 ބަލިމީހުން ރާއްޖެއިން ބޭރަށް ފަރުވާއަށް ވަނީ ފޮނުވާފައެވެ.
އާސަންދައިގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމާއި، ބަލްކް ޕްރޮކިއުމަންޓް އުސޫލުން ބޭސް އެތެރެކުރުމުގެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އަދި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާސަންދައިގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސް، ޕްރައިވެޓް އިންޝުއަރެންސްއަށް އިސްކަންދިނުމަށް ވެސް ވަނީ ނިންމާފައެވެ.
ސަރުކާރުގެ މަޤްޞަދަކީ ދުރު މުސްތަޤުބަލުގައި އާސަންދައިން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކޮށް، އެ ފައިސާ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުން ކުރުމެވެ. އާސަންދައިން، މިހާރު ދަނީ ބޭސްފަރުވާއަށް، އަހަރަކު 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރަމުންނެވެ.

