2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިގޮތުން ޖެނުއަރީ މަހު ވައްކަމުގެ 273 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޖުމްލަ 980 މައްސަލަ ވަނީ ހުށަހެޅިފައެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މަދު އަދަދެކެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 1199 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ވައްކަމުގެ މައްސަލަތަކަށްފަހު، ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގެ 231 މައްސަލައެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި 137 މައްސަލައެވެ.
މީގެއިތުރުން، އެއްޗެހި ގެއްލިގެން 92 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 67 މައްސަލައާއި، އަނިޔާކުރުމުގެ 64 މައްސަލަ ވަނީ ހުށަހެޅިފައެވެ. އަދި މަކަރާއި ހީލަތުގެ 46 މައްސަލައާއި، ފޭރުމުގެ 27 މައްސަލައާއި، ޖިންސީ ގޯނާގެ 19 މައްސަލަވެސް ވަނީ ހުށަހެޅިފައެވެ.
ކުށްތައް މަދުކުރުމަށްޓަކައި ފުލުހުން ދަނީ އަތޮޅުތަކުގެ ކައުންސިލްތަކާ ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ޑޯޓުޑޯ ޕްރޮގްރާމްތަކާއި އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މާލޭ ސަރަހައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް ޚާއްސަ ސިޔާސަތުތަކެއް ތަންފީޒުކުރަން ވެސް ވަނީ ފަށާފައެވެ.

