ފުލުހުންގެ ބްލޫސް ހައުސިންގ ޕްރޮޖެކްޓާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހަވީރު 4:30 ގައި ކޯޓު އަމުރަކާއެކު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އޮފީހަށް ވަދެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ ހާއްސަ އޮޑިޓް ރިޕޯޓުން، 300 ހައުސިންގ ޔުނިޓް ހެދުމަށް ހިންގި މި މަޝްރޫޢުގައި ޕޮލްކޯއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަން ވަނީ ހާމަވެފައެވެ. މި މަޝްރޫޢަށް ޖުމްލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ބިލްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ މިފަދަ މަޝްރޫޢުތަކުގެ އާންމު އަގުކަމުގައިވާ އަކަފޫޓަކަށް 1،300 އާއި 1،500 ރުފިޔާއަށްވުރެ މާ މަތީ އަގެކެވެ.
އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި މި މަޝްރޫޢުގައި 354.7 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެއެވެ. މަޝްރޫޢުގެ ފުރަތަމަ އެއްބަސްވުމުގެ އަގު 580 މިލިއަން ރުފިޔާއިން 481 މިލިއަން ރުފިޔާ އިތުރުވެ، ގާތްގަނޑަކަށް ދެގުނައަށް އަގު ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން، 2013 ޖޫން 30 ގައި ނޫމަޑި ކުންފުންޏަށް 500 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލުކުރެވިފައިވަނީ ގަވާއިދާ ހިލާފަށް، ގެޒެޓްގައި އިޢުލާން ނުކޮށް އަދި ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަނާޅައެވެ.
އަދި ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، އެ ކުންފުންޏަށް 96.3 މިލިއަން ރުފިޔާ ދީފައިވާއިރު، ނޫމަޑިން ކޮށްފައިވާ މަސައްކަތުގެ އަގަކީ 38.2 މިލިއަން ރުފިޔާކަން ފާހަގަކުރެވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ތެރެއިން ޕޮލްކޯގެ ފަންނީ ޤާބިލްކަން ނެތްކަމާއި، ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސް، ފްރޯޑާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާފައިވާކަމަށް ޝައްކުކުރެވެއެވެ. މި މައްސަލައިގެ ތަޙުޤީޤު އޭސީސީން ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

