އައްޑޫ ސިޓީ ފޭދޫގައި “އިސްރަށްވެހިންގެ ހިޔާވަހި” ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މޭ މަހު ނިންމެވި ނިންމެވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
“އިސްރަށްވެހިންގެ ހިޔާވަހި” އަކީ ދޮށީ އުމުރުގެ މީހުންގެ ތެރެއިން އާއިލާގެ އަޅާލުން ނުލިބޭ ފަރާތްތަކަށް، އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށް ހަދާ ތަނެކެވެ. މި މަރުކަޒުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިޒައިން، ބިލްޑް، ފައިނޭންސް އެންޑް އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގެ ދަށުންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދާނީ ދަޢުލަތުގެ ޚަރަދުގައެވެ. މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބިޑްގައި ރަޖިސްޓަރީ ކުރެވޭނެއެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްތަކުގައި އިސްރަށްވެހިންގެ ނާދީތައް ތަރައްޤީކުރުމަށްވެސް ނިންމަވާފައެވެ. މި ނާދީތަކަކީ މުޖުތަމަޢުގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް، އިސްރަށްވެހިންނަށް ކުޅިވަރާއި އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޤާއިމުކުރާ ތަންތަނެވެ.
މާލެއާއި އަތޮޅުތަކުގައި އިސްރަށްވެހިންގެ ހިޔާތައް ޤާއިމުކުރުމުގެ މަސައްކަތަކީ އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދަޢުލަތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

