ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގައި ހިންގަމުންދާ ކެފޭތަކެއް ބަލާ ފާސްކޮށް، ވިސާ ނެތް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ އިމިގްރޭޝަނުން ޤަވާއިދުން ހިންގަމުންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލޭގެ 4 ކެފޭއެއް ބަލާ ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަނުން ބުނީ މި ކެފޭތައް ބަލާ ފާސްކުރުމުގެ މަޤްޞަދަކީ އެތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރަމުންދާ ބައެއްތޯ ކަށަވަރުކުރުމަށް ކަމަށެވެ. މި އޮޕަރޭޝަނުގެ ތެރެއިން ވިސާ ނެތް 3 ބިދޭސީއެއް ފެނި، އެ 3 މީހުންވެސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގައި، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

