ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މުޅި ހަޔާތުގެ ވާހަކަތައް ހިމެނޭ ބަޔޮގްރަފީ ފޮތެއް މި މަހުގެ 10 ވަނަ ދުވަހު ނެރުމަށް ވަނީ ނިންމާފައެވެ.
ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލް ލިޔުއްވާފައިވާ މި ފޮތާއެކު، ގާސިމްގެ ހަޔާތުނާމާގެ އޯޑިއޯ ވާޝަނަކާއި ވެބްސައިޓެއް ވެސް އިފްތިތާހުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޮތް ނެރުމާ ގުޅިގެން، ގާސިމް އިބްރާހީމްގެ ހަޔާތުގެ މުހިއްމު ވަގުތުތައް ފޮޓޯތަކުން ދައްކުވައިދޭ މައުރަޒެއް ވިލާ ކޮލެޖުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މައުރަޒު އާންމުންނަށް ހުޅުވާލެވިފައި އޮންނާނީ ފެބްރުއަރީ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން އެރޭ 10:30 އާ ހަމައަށެވެ.
މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގާސިމް އިބްރާހީމްގެ ހަޔާތުނާމާ ފޮތް ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ފޮތަކީ ގިނަ ބަޔަކު ކިޔުމަށް އިންތިޒާރު ކުރަމުންދާ ފޮތެއް ކަމަށް މަޢުލޫމާތު ދެއްވި ފަރާތްތަކުން ފާހަގަކުރެއްވިއެވެ.

