ސިއްޙީ ޚިދުމަތުގެ ދާއިރާއިން މީހުން ބިނާކުރުމަށް ތަމްރީން ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ދެކުނު ކޮރެއާއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް، ދެކުނު ކޮރެއާގެ ވައިސް މިނިސްޓަރ އޮފް ހެލްތު އެންޑް ވެލްފެއާ، އެޗްއީ.ޕާކް މިންސޫއާ ބައްދަލުކުރައްވައިގެންނެވެ.
މި ބައްދަލުވުން ބޭއްވުނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް، ސްވިޓްޒަލޭންޑުގެ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފާ ދަތުރުފުޅުގެ ތެރެއިންނެވެ. ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ސިއްޙީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާންމު ޞިއްޙަތު ރައްކާތެރިކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްގެ މި ދަތުރުފުޅަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރުމަށް އެގްޒެކެޓިވް ބޯޑުގެ މެމްބަރެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ވަނީ ސިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންކަމާ ގުޅޭގޮތުން އަލިއަޅުވާލައްވާފައެވެ.
މި ބައްދަލުވުމާއި މަޝްވަރާތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދު ސިއްޙީ ދާއިރާގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

