މާލޭގެ މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މިއަދު މެންދުރު ވަގުތެއްގައި ހިނގި މާރާމާރީއެއްގައި ދެ މީހަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 12:10 ހާއިރުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ އެ ކެފޭގެ ބަދިގޭގައި މަސައްކަތްކުރާ ބިދޭސީ ދެ މީހެއްގެ ދެމެދުގައެވެ. މި ހާދިސާގައި ޒަޚަމްވި ދެ މީހުން ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޒަޚަމްވި އެއް ބިދޭސީއަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި، ޒަޚަމްވި މީހާ ހޮސްޕިޓަލަށް ގެނެވުނުތާ އިރުކޮޅެއް ވެފައިވާތީ، އޭނާގެ ހާލަތާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. މި މާރާމާރީގެ ސަބަބާއި އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

