އައްޑޫ ސިޓީގައިވެސް އަންނަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން، ހަފުތާގެ ރަސްމީ ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަހުވެސް ޕާސްޕޯޓް ދޫކުރާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. ޝަމްޢާން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް، ޚިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން މި ނިންމުން ނިންމާފައިވާކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ޝަމްޢާން ވިދާޅުވީ ކޮންމެ ބަންދަކާ ދިމާކޮށް އާއްމު ގޮތެއްގައި ވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. މިހާތަނަށް އައްޑޫ ސިޓީގައި ޕާސްޕޯޓް ދޫކުރަމުން އައިސްފައި ވަނީ ހަފްތާގެ ރަސްމީ ފަސް ދުވަހުއެވެ.
އައްޑޫ ސިޓީގައި އިމިގްރޭޝަންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އަޅަމުންދާ އިމިގްރޭޝަން އޮފީހުގެ 65 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމާ އެއޮފީހުން ޚިދުމަތް ދެވޭނެކަމަށް ޝަމްޢާން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ދަށުން، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. މި މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ.

