ކުރީގެ ފިރިމީހާ ހަސަން ޝާހިދު (ޝާޑު) މަރާލި މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަރިޔަމް ނަޒާހާ (ހ. ބައިކަނޑިގެ) ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ހުކުމް މި މަހުގެ 13 ވަނަ ދުވަހު އިއްވުމަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގައި ނަޒާހާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދަޢުވާއެވެ. 2011 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނަޒާހާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ކުރީ 2010 ވަނަ އަހަރު، އޭނާގެ އަލަތު އަދި ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު މަރާލި މައްސަލައެވެ. ކައިވެންޏަށް މާގިނަ އަހަރުތަކެއްވެފައި ނެތް 3 ފަހަރު ވަރިވެފައިވާއިރު، އެކައިވެނިން ނަޒާހާއާއި ޝާހިދަށް ފިރިހެން ދަރިފުޅަކު ލިބިފައިވެއެވެ.
2010 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ހާއިރު އޭނާގެ ކުރީގެ ފިރިމީހާ ޙަސަން ޝާހިދުއަށް ވަޅިން ހަމަލާދިންކަމަށް ފުރަތަމަ އަޑުއެހުމުގައި ނަޒާހާ އިޢުތިރާފުވިއެވެ. ނަޒާހާއަށް ހުކުމް ކޮށްފައިވަނީ އޭހެ އެއްއަހަރު ފަހުން 2011 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ. މެޑިކޯ-ލީގަލް ރިޕޯޓާ ހަވާލާދީ ކޯޓުން ބުނީ ބުނެފައިވާ ގޮތުގައި، އެދުވަހުގެ ވަޅިން ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން، 4:15 ގައި ޝާހިދު ނިޔާވެފައިވާކަމަށެވެ.
ޝާހިދުގެ ބުރަކަށީގެ ވައަތްފަރާތުގައި ވައާއިލޭ އެއްވުމުގެ ސަބަބުން އޭނާ ނިޔާވެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ކްރިމިނަލްކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ހުކުމް ކުރީ، ނަޒާހާއަށް ތައުބާވުމަށް 2 މަސްދުވަހު ރޯދަހިފުމަށާއި 25 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.
މިމައްސަލައިގައި މަރަށް މަރުގެ ދައުވާ އުފުލި ނަމަވެސް ހަސަން ޝާހިދުގެ ވާރިޘުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެން ނަޒާހާއަށް މާފުދީފައިވާތީވެ، އެންމެ މީހަކު މަރަށްމަރު އެދުނަސް މަރުގެ ހުކުމް ތަންފީޒު ނުކުތެވޭނެތީ، ހުކުމްކުރީ 25 އަހަރު ޖަލަށް ލުމަށެވެ. އިސްލާމީ ޝަރީޢަތުގައި ވާގޮތުން މަރުގެ ޙުކުމް އިއްވުމަށް ކޯޓަށް ހުއްދަ ލިބޭނީ ހުރިހާ ވާރިޘުން މަރަށް މަރު އެދުމުންނެވެ.
2015 ވަނަ އަހަރު ނަޒާހާ ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް ހައިކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭގެ ހަ އަހަރު ފަހުން ނަޒާހާ ވަނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އެންމެ ފަހު އަޑުއެހުން ބޭއްވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ފާހަގަކުރި ގޮތުގައި ހަސަން ޝާހިދުގެ ބުރަކަށްޓަށް ވަޅީގެ ތިލަ އެއްކޮށް ވައްދާލި ކަމަށް މަރިޔަމް ނަޒާހާ ވަނީ ސާފު ބަހުން އިޢުތިރާފުވެފައެވެ.
އަދި މިހާރު އަހަރުތަކަކަށް ފަހު މިފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު މިމައްސަލަ ނިންމުމަށް ވަނީ ތާވަލު ކޮށްފައެވެ.

