ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުން ގަވާއިދާ ޚިލާފަށް ވެލި ނަގަމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަށް ފޯރުކޮށްދިނުމަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން މިއަދު ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަރުކޮޅުގެ ގޮނޑުދޮށުންނާއި، ތުނޑިން އަދި ފަޅުތެރެއިން އުދެއްޔާއި ފަކީރާ ބޭނުންކޮށްގެން ވެލިނެގުމުގެ އިތުރުން، ޕަންޕު ބޭނުންކޮށްގެން އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ވެލި ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އީޕީއޭ އިން ބަލަމުންދާ ކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލިނެގުމަށް އަތޮޅުގެ ކޮންމެ ދާއިރާއަކަށް ވަކި ސަރަޙައްދުތަކެއް އީޕީއޭ އިން ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަޙައްދުތަކުން ވެސް މެޝިނަރީ ބޭނުންކޮށްގެން ވެލިނެގުމަކީ މަނާކަމެއްކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
ފަރުކޮޅަކީ އޭގެ ގުދުރަތީ ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން އެތައް ސަބަބުތަކަށްޓަކައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދެއްކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މި ސަރަޙައްދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް އެތަންތަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަން ބޭނުންވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ފަރުކޮޅަކީ އާދަޔާ ޚިލާފު ރީތި ގުދުރަތީ ވެއްޓެއް ލިބިފައިވާ ތަނެއްގެ ގޮތުގައި ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މި ރަށުގައި ހިމާޔަތްކޮށްފައިވާ ހަތް ކުޅިއެއްގެ އިތުރުން ބޮޑު ސަރަޙައްދެއްގައި ޗަސްބިމެއް ވެސް އޮންނަކަން ކައުންސިލުން ހާމަކޮށްފައިވެއެވެ.

