ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޓަރމިނަލާއި ރަންވޭގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރަންވޭގައި ތާރުގެ ކުރިން އަޅާ އޭބީސީ ލޭޔަރ އެޅުމުގެ 56 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޓަރމިނަލް ބިލްޑިންގ އިމާރާތް ކުރުމުގެ 53 އިންސައްތަ މަސައްކަތްވެސް މުޅިން ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މީގެއިތުރުން ފަޔަރ ބިލްޑިންގ އިމާރާތްކުރުމުގެ 24 އިންސައްތަ މަސައްކަތްވެސް ވަނީ ނިމިފައެވެ.
މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް މަސައްކަތްތައް މަޑުޖެހިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މި އެއަރޕޯޓް ތަރައްޤީކުރަނީ ރަށުގެ ފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ 1800 މީޓަރުގެ ރަންވޭއެއް އެޅުމަށް ނިންމާފައެވެ. މި މަޝްރޫޢަކީ ސަރުކާރުން 231 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
ފ. މަގޫދޫގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުގެ ހިންގުން ހަވާލުކޮށްފައިވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއާއެވެ. އަދި ސަރުކާރުން ދަނީ ފ. އަތޮޅު ނިލަންދޫގައިވެސް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫޢު ނިމުމުން، ފ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަވެ، އަތޮޅުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

