ނެޝަނަލް ޑްރަގް އެޖެންސީއާއި ފުލުހުންނާ ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުން، މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާކަމަށް އެ އެޖެންސީން މިއަދު ހާމަކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި މި އޮޕަރޭޝަނުގެ ދަށުން، މާލެއާއި އަތޮޅުތަކުގައި ހިންގާ ޙަރަކާތްތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވައްދަމުންދާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބުނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވިއެވެ.
“މި އޮޕަރޭޝަން ފެށި ފަހުން މާލެއާއި އަތޮޅުތަކުން 100 އަށްވުރެ ގިނަ މީހުން ފަރުވާއަށް ގެންގޮސްފައިވޭ. ކުރިން މި މަސައްކަތް ކުރީ ހަމައެކަނި މާލޭގައި. އެކަމަކު މިހާރު އަތޮޅުތަކަށްވެސް މި މަސައްކަތް ފުޅާކޮށްފައިވާނެ،” ލުބުނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ރިހެބިލިޓޭޝަން ފަރުވާ އަމާޒުކުރަނީ މަސްތުގެ ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި އުޅޭ މީހުންނަށެވެ. މީގެ ތެރޭގައި މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީގައި މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ، މަގުމަތިވެފައިވާ މީހުން ހިމެނެއެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. މި އޮޕަރޭޝަނުގެ ސަބަބުން މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު މަދުވެ، އެ މީހުންނަށް ބޭނުންވާ ފަރުވާ ލިބި، އަދި މުޖުތަމަޢުގެ ރައްކާތެރިކަން އިތުރުވާނެކަމަށް އުއްމީދު ކުރެވެއެވެ.

