މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާން އައްޔަންކޮށްފިއެވެ. މި އައްޔަންކުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އިއުލާންކޮށްފައެވެ.
ރިޝްވާން އަކީ ދިވެހި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމު ހިމެނެއެވެ. އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް އޭނާ އައްޔަންކުރެވުނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ފުލުހުންގެ ޚިދުމަތުގައި، ރިޝްވާން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކުރެވުނީ 2010 ވަނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. ނަމަވެސް އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވީ 2011 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހުއެވެ.
އެމްޕީއެލްގެ އެމްޑީގެ މަޤާމަށް ރިޝްވާން އައްޔަންކުރެވިފައިވަނީ، ކުރީގެ އެމްޑީ މުޙައްމަދު ވަޖީހު އިބްރާހިމް މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ވަޖީހު މި މަޤާމަށް އައްޔަންކުރެވިފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވަޖީހަކީ އެމްޕީއެލްގައި 9 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މި މުއްދަތުގައި އޭނާ ވަނީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، ޖެނެރަލް މެނޭޖަރު އަދި އެސިސްޓެންޓް ސީއީއޯގެ މަޤާމުތައް ފުރުއްވާފައެވެ.

