ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ތައިލޭންޑާއި މެލޭޝިއާއަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ދެ ގައުމުގައި އެ ކުންފުނީގެ އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވިއަނުން މިހާރު އެޖެންޓުން ހޯދަން އިއުލާންކޮށްފައިވަނީ ތައިލޭންޑްގެ ވެރިރަށް ބެންކޮކާއި، މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރަށެވެ. މި ފުރުސަތު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އިއުލާންކުރުމަކީ މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އަޅާ އިތުރު ފިޔަވަޅެކެވެ. މިގޮތުން މިދިޔަ މަހުގެ 6 ވަނަ ދުވަހު މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސް، މިހާރު ވަނީ ޗައިނާގެ ޗެންޑޫ، ބެއިޖިންގ އަދި ޝަންހާއީއަށް ދަތުރުތައް ފަށާފައެވެ. މި ދަތުރުތަކަށް ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ގޮތުގައި ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓާއެކު، މިއަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސް ޚިދުމަތް އިތުރަށް ފުޅާކުރެއްވުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ދަތުރުތައް ޔޫރަޕަށްވެސް ފެށުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

