އަންހެނުންގެ ޚާއްސަ ބަލިތަކުގައި ފަރުވާ ފޯރުކޮށްދޭއިރު ސާޖަރީ ކުރާ ހާލަތްތަކުގައި ކެފުންތައް މަދުކޮށް، އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް އައިޖީއެމްއެޗުން ވަނީ އަމާޒު ހިފައިފައެވެ.
މި މަސައްކަތުގެ ތެރެއިން އައިޖީއެމްއެޗްގެ ޑިޕާޓްމަންޓް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީއާއި ސޮސައިޓީ އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ އޮފް މޯލްޑިވްސް ގުޅިގެން ޚާއްސަ ގައިނޮކޮލޮޖީ ވޯކްޝޮޕެއް މިހާރު ދަނީ ކުރިއަށެވެ. މިކަން އައިޖީއެމްއެޗްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު، ޑރ. އަސީލް ޖަލީލް ވަނީ ހާމަކުރައްވާފައެވެ.
ޑރ. އަސީލް ވިދާޅުވި ގޮތުގައި މި ވޯކްޝޮޕްގެ މައިގަނޑު އަމާޒަކީ މާލެ ސަރަހައްދުގައި މަސައްކަތްކުރާ ގައިނޮކޮލޮޖިސްޓުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، މިނިމަލް އިންވޭސިވް ސާޖަރީގެ އާ ޓެކްނިކްތައް ތަޢާރަފުކުރުމެވެ. މި ވޯކްޝޮޕްގައި ޑޮކްޓަރުންނަށް ތަމްރީނު ދެއްވަނީ ޗައިނާގެ އެކްސްޕާޓެއް ކަމަށްވާ ޑރ. ޝައޮމެންގ ގޮންގ އެވެ.
މިހާތަނަށް ރާއްޖޭގައި އަންހެނުންގެ ބަލިތަކަށް ކުރެވޭ ސާޖަރީތަކަކީ ބޮޑެތި ކެފުންތަކާއެކު ކުރެވޭ ސާޖަރީތަކަކަށް ވުމާއެކު، އޭގެ ސަބަބުން ހިތާމަވެރި ހާދިސާތައްވެސް ހިނގާފައިވާކަން ފާހަގަކުރެވެއެވެ. މިފަދަ ސާޖަރީތަކުގެ ސަބަބުން ބައެއް ފަހަރު ދިގު މުއްދަތުގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން ޖެހި، ފުރާނައަށް ނުރައްކާވާ ހާލަތްތައްވެސް ދިމާވެފައިވެއެވެ.
އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުދި ކެފުންތަކާއެކު ކުރެވޭ މި ސާޖަރީތަކަކީ ބަލިމީހާއަށް ލުއިފަސޭހަ، އަދި ރައްކާތެރި ގޮތެއްގައި ކުރެވޭނެ ފަރުވާއެއް ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ.

