އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއްގެ މަރުގެ މައްސަލާގައި ބަންދު ކޮށްފައިވާ ޙަލީމަތު ލަމްހާ ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އޭނާ ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުން ބާޠިލު ކުރުމަށް، ހައިކޯޓުން މިއަދު ނިންމައިފިއެވެ.
ހައިކޯޓުން މިގޮތަށް ނިންމެވީ ލަމްހާ ބަންދުން ދޫކޮށްލުމަށް މިދިޔަ ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމެވި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކުރުމާއި ގުޅިގެން، އެ މައްސަލަ ބެއްލެވުމަށްފަހުއެވެ.
2021 ވަނަ އަހަރު ރާއްޖޭގައި މަރުވި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ޙުކުމެއް ކުރެވެންދެން ނުވަތަ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަމުރަތަމަ އަމުރުކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހުއެވެ. އެފަހަރު ކްރިމިނަލް ކޯޓުން މިގޮތަށް ނިންމެވީ ލަމްހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެއްކާއި ޤަރީނާ ލިބިފައިވާތީއާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީއެވެ.
މިއަދު ހައިކޯޓުން އިއްވެވި ހުކުމްގައި ފާހަގަކުރައްވާފައިވަނީ ބަންދުގައި ދިގުމުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫންކަން ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާކަމެވެ. އަދި ލަމްހާގެ ބަންދު މުރާޖަޢާކުރުމުގައި ޝަރީޢަތް ދިގުލައިގެން ގޮސްފައިވާކަމާއި އަދި މައްސަލަ ނިމޭނެ ދުވަހެއް އަންދާޒާނުކުރެވޭކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަންދާމެދު ކްރިމިނަލް ކޯޓުން ގޮތެއް ނިންމަވާފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ޚިލާފަށްކަމުގައި ފަނޑިޔާރުން ފާހަގަކުރައްވާފައިވެއެވެ.
ހައިކޯޓުގެ ހުކުމުގައި ލަމްހާ ބަންދުކުރުމަށް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޕީޖީން ކްރިމިނަލް ކޯޓަށް ހުށައަޅައިފިނަމަ އެ ހުށައެޅުމާމެދު އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް އަންގާފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، 2023ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 2ވަނަ ދުވަހު ލަމްހާގެ ބަންދު މުރާޖަޢާކޮށް، 3 މަސްދުވަހުގެ މުއްދަތަށް ބަންދުގެ އަމުރު ހިފަހައްޓައި، ވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމެވިއެވެ. ނަމަވެސް ހައިކޯޓުން ވަނީ އެ ނިންމެވުން ބާޠިލުކުރެއްވުމަށްފަހު، އަނެއްކާވެސް ލަމްހާގެ ބަންދު ދަމަހައްޓަވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހު ލަމްޙާގެ ފަރާތުން އޭނާ ބަންދުން ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއަކާއި ކޯޓު އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ފޯމު ހުށައެޅިއެވެ. މި ހުށައެޅުމާ ގުޅިގެން އޭނާ ބަންދުން ދޫކޮށްލުމަށް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 12ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނިންމެވިއެވެ. ނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރައްވާފައެވެ.
އިސްތިއުނާފަށް ހުށަހެޅި މައްސަލާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލަން ނިންމެވީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ.
2021 ވަނަ އަހަރު ރާއްޖޭގައި މަރުވި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ލަމްހާގެ އިތުރުން، މޭރީގެ ފިރިމީހާ މާރވިން އެސް.ވައިގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

