އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އަންހެނުންނަށް ޚާއްސަ ބަލިތަކަށް ދެވޭ ފަރުވާ ކުރިއަރުވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިފަދައިން އެކަމަނާ ވިދާޅުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ “ހިޔަލަ ސަރޖިކަލް ވަރކްޝޮޕް 2025” ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ އަންހެނުންނަށް ޚާއްސަ ބަލިތަކަށް ޒަމާނީ ޓެކްނޮލޮޖީއާއެކު ފަރުވާދިނުމަކީ މުހިންމުކަމެއްކަމަށެވެ. “އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި އެމީހުންނަށްޖެހޭ ބަލިތަކަށް ފަރުވާކުރުމެއް ނޫން. އެކަމަކު އެމީހުންގެ އިޙުސާސްތައް ދެނަގެނެ، ދިމާވާ ދަތިތަކަށް އެމީހުންނަށް އެހީވެދޭންޖެހޭ” ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އަންހެނުންނަށް ޚާއްސަ ބަލިތައް ތަޙައްމަލުކުރާ މީހުންނަށް ރަނގަޅު ފަރުވާއެއް ނުދެވޭތީ ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އައު އުކުޅުތަކާއި ޓެކްނޮލޮޖީތަކާއެކު މިފަދަ ބަލިތައް ތަޙައްމަލުކުރާ މީހުން އިޙުސާސްކުރަންޖެހޭ ތަދު ވަރަށް ބޮޑަށް ކުޑަކޮށް، ބަލިން އަވަހަށް ފަސޭހަވުމަށް މަގުފަހިކޮށްދެވިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ވަރކްޝޮޕްގައި ރާއްޖޭގައި މުޅިން އަލަށް 22 ސަރޖަރީއެއް ކުރެވުނު ކަމަށާއި، ވަރަށް އަވަހަށް ހޮސްޕިޓަލުތަކުގައި މި ސަރޖަރީތައް ކުރެވެން ފަށާނެކަމުގެ ޔަޤީންކަން ޢަބްދުއްރައްޒާޤު ޙަލީމް ދެއްވާފައިވެއެވެ. މިކަމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހޯދައި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

