ގައުމުގެ މިނިވަން ކަމަށް ކުޑަވެސް ލޮޅުމެއް އަރާފާނެ ކަމަކަށް ދޫނުދޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ..
ރައީސް މިހެން ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ބަޔާން އިއްވަމުންނެވެ.
ރައީސް ވިދާޅުވީ ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފި ކަމަށާޢި އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ ކަމަށެވެ. މީގެ އިތުރުން މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރައިފާނެ ކަމަކަށް ދޫނުދިނުމަކީ ޢަޒުމް ކަމަށާއި އެއީ އަމިއްލަ ނަފުސުގެ މައްޗަށް ލާޒިމުކުރާ، ދުވަހަކު ވެސް ފަރުވާކުޑަކޮށްނުލާނެ ޤައުމީ ވާޖިބެއް ކަމަށެވެ.
އަދި މީގެ އިތުރުން އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކުރަން އެބަ ޖެހޭ ކަމަށާޢި އެހެންކަމުން ފަޔަރ އެންޑް ރެސްކިއުއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކުރުމުގެ މުހިންމު މަސައްކަތްތަކެއް މިއަހަރު ކުރަން ނިންމާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ، އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަން ޖެހެއެވެ.

