ގއ. އަތޮޅު ހޮސްޕިޓަލުގައި މާބަނޑު މައިމީހަކަށް ފަރުވާ ލިބުން ލަސްވުމުގެ ސަބަބުން ވިހެއި ދަރިފުޅާއި މަންމައަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ގއ. ވިލިނގިލީ ޒަމާނީވިލާ ޝިއުނާ ތައުފީގާއި އޭނާގެ ތިންވަނަ ދަރިފުޅެވެ. އިއްޔެ ހަވީރު ޝިއުނާގެ ދަރިފުޅު ނެގުމަށް ހެދި ސިޒޭރިއަން އޮޕަރޭޝަނަށް ފަހު، މަންމައާއި ދަރިފުޅު ދެމީހުންވެސް ހޭނާރައިގެން ވެންޓިލޭޓަރަށް ލާން ޖެހުނުކަމަށާއި ދަރިފުޅާއި މަންމަ ނިޔާވީ، އިތުރު ފަރުވާއަށް ޝިއުނާ މާލެ ގެންދިއުމަށް ލަސްވެގެން ކަމަށް އެތައްބަޔަކު ވަނީ ބުނެފައެވެ. މިދެމައިން މާލެ ގެންދިއުން ލަަސްވުމުން، އިއްޔެ ހަވީރުން ފެށިގެން ރަށުގެ ގިނަ ބަޔަކު ވަނީ ހޮސްޕިޓަލް ކައިރިއަށް އެއްވެ، އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ.
ރޭގަނޑު 23:00 ގައި އެއަރ އެމްބިއުލާންސްގައި ދެމައިން މާލެ ފޮނުވުމަށް ކުއްޑޫއަށް ގެންދިޔަ ނަމަވެސް، 23:23 ގައި ޝިއުނާ ވަނީ ނިޔާވެފައެވެ. އަދި ދަރިފުޅު މާލެ ގެންދިޔަ ނަމަވެސް، ރޭ ފަތިހު ދަރިފުޅުވެސް ވަނީ ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ވިލިނގިލީ ކައުންސިލް މެންބަރަކު ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ހޮސްޕިޓަލުގައި މިއަދަކު އިއްޔެއަކު ދިމާވާ ހާދިސާތަކެއް ނޫން ކަމަށާއި، އާސަންދަ ނިޒާމުގެ ތެރެއިން ފަރުވާ ލަސްވެ އެތައް ފުރާނައެއް ވަކިވެގެން ދާކަމަށެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުކޮށް ދިމާވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި، އަތޮޅު ހޮސްޕިޓަލުގެ ނަން ބޯޑު އަޅުވާފައި ހުންނަނީ ކީއްވެގެންކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ގއ. އަތޮޅު ހޮސްޕިޓަލުން މާބަނޑު މީހަކަށް ފަރުވާ ނުލިބި ގިނަ އިރުތަކެއްވެ އެއަރ އެމްބިއުލަންސް ގަ މަންމައާއި ދަރިފުޅަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ނުފުރި ލަސްވުމުގެ ސަބަބުން މަންމައާއި ދަރިފުޅު މި ދުނިޔެ އާއި ވަކިވެގެން ދާންޖެހުމަކީ ވިލިނގިލީ ރައްޔިތުންނާއި އާއިލާއަށް ލިބިގެންދިޔަ ކެތްކުރަން ދަތި ހިތާމަ އެއް. އާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުހޫމާ ޝިއުނާއާއި ތުއްތު ފުރާނަ ކޮޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި،
މިއަދު ތުއްތު ދެދަރިންނާ ފިރިމީހާ އަދި އާއިލާ އާއި އެ ދެފުރާނަ ވެކިވެގެން ދާންޖެހުނީ މިއަދުގެ ޞިއްޙީ ނިޒާމް ފެއިލް ވެފައިވާތީ…ކޮންމެ އިހުމާލަކީ އަނިޔާއެއް …ފޫ ނުބެދޭފަދަ ބޮޑު ގެއްލުމެއް..
މީ މި ހޮސްޕިޓަލުގަ މިއަދަކު އިއްޔެ އަކު ދިމާވާ ހާދިސާ ތަކެއްނޫން.. އާސަންދަ ނިޒާމް ގެ ތެރެއިން ފަރުވާ ލަސްވެ އަހަރުމެންނާއި ވަކިވެގެންއެތައް ފުރާނައެއް މިވަނީ ގެއްލި ގޮސްފަ..މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ކޮށް ދިމާ ވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ހިތަން އަރަނީ ކީއްވެހޭ އަތޮޅު ހޮސްޕިޓަލް ނަން ބޯޑް އަޅުވާފަ މި ހުންނަނީ.މިއަދުގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އަށް އަޅުގަނޑުމެން ވަރަން އާދޭހާ އެކު ދަންނަވާލަން ބޭނުންވަނީ ދިވެހިރައްޔިތުންނަށް ދުޅަހެޔޮ ދިރުއުޅުމެއް ހޯއްދަވައި ދެއްވަން އެދޭނަމަ ރާއްޖެ ތެރޭގަ ހަދާފަވާ އަތޮޅުހޮސްޕިޓަލް ތަކުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަށް ފުރިހަމަ އަށް ލިބޭނެ ގޮތް ހައްދަވާ ދެއްވާ ބަލިމީހުން ގޮވައިން ދަތުރު ކުރާ އެއަރ އެމްބިއުލަންސް ތަކުގެ ޚިދުމަތް އަތްފޯރާ ފަަށަށް ގެނެސްދީ ރައްޔިތުންގެ ފުރާނަ އާއި ގުޅިފައިވާ ސިއްހީ ނިޒާމް މިއަށްވުރެ ފުރިހަމަ ކޮށް ދެއްވުވުމަށް!”
ކައުންސިލް މެންބަރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އާދޭސްކޮށް ދަންނަވަން ބޭނުންވަނީ، ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދޭން އެދޭނަމަ، ރާއްޖެތެރޭގައި ހަދާފައިވާ އަތޮޅު ހޮސްޕިޓަލްތަކުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށާއި، ބަލިމީހުން އުފުލާ އެއަރ އެމްބިއުލާންސްތަކުގެ ޚިދުމަތް އަތްފޯރާ ހިސާބަށް ގެނެސްދީ، ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ ޞިއްޙީ ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށްދެއްވުމަށް ކަމަށެވެ.
(ޝިއުނާ ތައުފީގާއި އޭނާގެ ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރަމެވެ. އަދި އާއިލާއަށާއި ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވަމެވެ.)

