ވިލިމާލޭގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މުޢިއްޒު ދެއްވެވި ރިޔާސީ ބަޔާނުގައި ޞިއްޙީ ދާއިރާ ކުރިއެރުއްވުމަށް މި އަހަރު ކުރައްވާނެ ކަންކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ޙައްލު ކުރުމަށް އަޅާ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވެވިއެވެ.
“ވިލިމާލެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ޙައްލު ކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ވެސް މިއަހަރު ތެރޭގައި ފެށިގެންދާނެ،” ރައީސް ވިދާޅުވި އެވެ.
މެންޓަލް ހެލްތުގެ ދާއިރާއަކީ މި ސަރުކާރުން ނުހަނު އިސްކަންދޭ ދާއިރާއެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލަކާއި، ގދ. ގައްދޫ ހޮސްޕިޓަލާއި، ތ. ވިލުފުށި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރެވެމުންދާ ކަމަށެވެ.
“މެންޓަލް ހެލްތުގެ ދާއިރާއަކީ ވެސް މި ސަރުކާރުން ނުހަނު އިސްކަންދޭ ދާއިރާއެއް. މިގޮތުން 24 ގަޑިއިރުގެ ޚިދުމަތްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިންގެ ގޮތުގައި 1677 ގެ ޚިދުމަތް މާރިޗް 2024 ގައި ވަނީ ފަށާފައި. 2024 ގެ ނިޔަލަށް 2461 ފަރާތަކަށް މި ޚިދުމަތް ފޯރުކޮށްދެވިފައިވާކަން އަޅުގަނޑު ފާހަގަކުރަން. އަދި އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ލ. ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލަކާއި، ގދ. ގައްދޫ ހޮސްޕިޓަލާއި، ތ. ވިލުފުށި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް ކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރަން،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އައިޖީއެމްއެޗުގައި އިތުރު 75 އެނދުގެ ވާރޑެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނިންމާ މޭ މަހުގެ ކުރިން ޚިދުމަތް ދޭން ފެށޭނެ ކަމަށް ވިދާޅުވިއެވެ.
ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް ފަހިކުރުމަކީ ވެސް އެމަނުފާނުގެ ރިޔާސީ ވަޢުދެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ ތެލެސީމިއާ ފަރުވާއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެހެންމެ ކޮންމެ އަހަރަކު މަދުވެގެން 10 ކުދިން ބޯންމެރޯއަށް ފޮނުވުމުގެ އިންތިޒާމު ފުރިހަމަކުރެވި، ނިމިދިޔަ އަހަރު 14 ކުދިން ރާއްޖެއިން ބޭރަށް ބޯންމެރޯ ޓްރާންސްޕްލާންޓް ޓްރީޓްމަންޓަށް ފޮނުވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެހެންމެ ތެލެސީމިއާ ޕްރިވެންޝަން، ކޮންޓްރޯލް އަދި މެނޭޖްމަންޓް މާސްޓަރ ޕްލޭން މިދިޔަ އަހަރު އިފްތިތާޙުކޮށް ތަންފީޒީ މަރުހަލާ މިހާރު ވަނީ ފަށާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

