ހުވަދު އަތޮޅު އުތުރުބުރީ (ގއ.) އަތޮޅުގެ ފުރަތަމަ ލޯކަލް އައިލެންޑް އޮތޯރިޓީ ކުންފުންޏެއްގެ ގޮތުގައި ކޮނޑޭ ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީ ކުރެވިއްޖެއެވެ.
ކޮނޑޭ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެވުނީ އަލްފާ/ގއ.ކޮނޑޭ ޒައިދު މުހައްމަދު ދީދީއެވެ. އަދި 2 ޑިރެކްޓަރުންގެ މަގާމަށް ޕެރިސް/ގއ.ކޮނޑޭ ނަސްރު މުހައްމަދު ދީދީ އާއި ގޯލްޑަންހާރޓް/ގއ.ކޮޮނޑޭ އަހްމަދު ޖިނާހު އައްޔަނުކުރެވިގެންދިޔައެވެ.
މި ކުންފުނި ރަޖިސްޓްރީ ކުރެވުމާއެކު، ރަށު ކައުންސިލްތަކަށް ވިޔަފާރީގެ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
ލޯކަލް އޮތޯރިޓީ ކުންފުނިތަކަކީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލުތައް މާލީ ބާރުވެރިކުރުމުގެ މަގުސަދުގައި އުފައްދަން ހުއްދަ ދީފައިވާ ވިޔަފާރިތަކެކެވެ. އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރީ އއ. ތޮއްޑޫ ކައުންސިލުން ޑިސެމްބަރު 19، 2022 ގައި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން ވަނީ “ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމާ ބެހޭ ގަވައިދު” އޭޕްރީލް، 2021، ގައި ގެޒެޓުކޮށްފަ އެވެ.
އެ ގަވާއިދާއެކު ކުންފުނި ހަދައިގެން ކައުންސިލްތަކުން ވިޔަފާރިކުރެވޭނެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިވެގެން ގޮސްފަ އެވެ.

