ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މި އަހަރުގެ އޮކްޓޯބަރު މަހުގެ ކުރިން ހުޅުވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވުނު ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު މި ވާހަކަ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ. މިގޮތުން، ވީއައިއޭގެ އިތުރުން މި އަހަރު ތެރޭގައި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ގަން އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ހަނިމާދޫ އަދި އައްޑޫ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގަ އެވެ.
އެތެރޭގެ ދަތުރުތައް ކުރާ އެއާޕޯޓުތަކުގެ ތެރެއިން މ. މުލީ އެއާޕޯޓު އޭޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މީގެ އިތުރުން، އެ މަނިކުފާނުގެ ވައުދުތަކާ އެއްގޮތަށް އިތުރު 14 ރަށެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އަހަރުގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް މި އަހަރު މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ވީއައިއޭގެ އާ ޓާމިނަލް އޮކްޓޯބަރުގެ ކުރިން ހުޅުވުމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، މީގެ ކުރިން ސަރުކާރުން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ޓޫރިޒަމް ސީޒަން ފެށޭއިރަށް ޓާމިނަލުން ބައެއް ހުޅުވުމަށެވެ. ނަމަވެސް އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ)ގެ ލަފާގެ މަތިން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު ހުޅުވަން ނިންމާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

