ރައީސް މުޙައްމަދު މުއިއްޒުގެ މަސައްކަތްތައް ބަލައިގަނެވޭ ކަމަށާއި، ގިނަ ބަޔަކު ބޭނުންވިޔަސް ޙަޤީޤަތަކީ ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތީ އިންޑިއާއާ ދެކޮޅު ވެވޭ ޙާލަތެއްގައި ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، އިންޑިއާއަށް ދައްކަންޖެހޭ ދަރަނީގެ ސަބަބުން އިންޑިއާގެ "އަތްގާތް ދަށުވެފައި" ވާ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީކީ އިންޑިއާއާ ދެކޮޅު ވެވޭ ކަހަލަ ޕޮޒިޝަނަކު ނޫން، މި ޤައުމު މި އޮތީއެއް. އަޅުގަނޑުމެން ވަރަށް ކުޑަކުޑަ ބައެއް، ކުޑަކުޑަ ޤައުމެއް. އެ ގޮތަށް އަވައްޓެރި [ބޮޑު] ޤައުމަކާ ޖައްސާލައިގެން ލިބޭނެ ނިކަމެތިކަން މާ ބޮޑު ވާނެ،" ޤާސިމް ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުޙައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެއް ކަމަށާއި، އެގޮތުން އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި އަސްކަރީ މީހުން ފޮނުވާލުމަށް ފަހު ހަމަ އެ އަދަދަށް މަދަނީ ޚިދުމަތްތެރިން ގެނެސްފައިވާ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.
އިންޑިއާއަށް ދިވެހި އިޤްތިޞާދު ބަރޯސާވާން ޖެހުނު ން ޖެހުނު ޒިންމާ އުފުލަންޖެހޭނީ ކުރީގެ ރައީސުން ކަމަށްވާ ނަޝީދު، ޔާމީން އަދި އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުތައް ކަމަށް ޤާސިމް ވިދާޅުވިއެވެ. އޭގެ ކުރިން ރައީސް ނާޞިރު އަދި ރައީސް މައުމޫނުގެ ވެރިކަމުގައި އިންޑިއާގެ އެހީތެރިކަން ހޯދަމުން ދިޔައީ އާރމްސް ލެންތުތައް ބާއްވައިގެން ކަމަށް ފާހަގަކުރެއްވިއެވެ.
2024 އަދި 2026 ވަނަ އަހަރު ދައުލަތުން ބޮޑު އަދަދެއްގެ ދަރަނި ދައްކަންޖެހިފައިވާއިރު، ސިޔާސީ މަސްރަޙު ހަލަބޮލިކުރުމަކީ ޤައުމަށް ނިކަމެތިކަން ލިބިދާނެ ކަމެއްކަމަށް ޤާސިމް ވިދާޅުވިއެވެ. ޚާއްޞަކޮށް 2026 ވަނަ އަހަރު 1.2 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭއިރު، ޤައުމު ހަލަބޮލިވެއްޖެނަމަ އެއްވެސް ފަރާތަކުން އެހީތެރިކަމެއް ނުލިބޭނެކަން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުގެ މަސައްކަތްތަކަށް ތަޢުރީފު ކުރައްވަމުން، ޤާސިމް ވިދާޅުވީ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރައީސް މުއިއްޒު މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރެވޭ ކަމަެވޭ ކަމަށެވެ. ޚާއްޞަކޮށް ކޮރަޕްޝަންގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުންދާކަން ފާހަގަކުރައްވައި، އެއީ އެމަނިކުފާނަށް ޤާސިމްގެ ހިތުގައި އޮތް ތަޢުރީފެއްކަމަށް ވިދާޅުވިއެވެ.
އެމްޑީޕީން އަބަދުވެސް ސަރުކާރުތަކާ ދެކޮޅަށް ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި، މިވަގުތު ޤައުމުގެ ޙާލަތު އޮތްގޮތުން އެފަދަ ކަންކަމަށް ޖާގައެއް ނުދޭކަމަށް ޤާސިމް ވިދާޅުވިއެވެ. އިދިކޮޅު އެމްޑީޕީން ޤައުމު ހަލަބޮލިކުރާފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރެއްވިއެވެ.
"ބޮޑެތި ދަރަނިތައް ދައްކަންޖެހޭ ދަނޑިވަޅެއްގައި، ރައްޔިތުން ރައީސް މުއިއްޒަށް ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ދީފައިވާތީ، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމްކޮށް، ސިޔާސީ މަސްރަޙު ހަލަބޮލިނުކޮށް ބޭއްވުމަކީ މުހިންމު ކަމެއް،" ޤާސިމް ވިދާޅުވިއެވެ.
އިންޑިއާއާއެކު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގައި މންތަކުގައި މައްސަލައެއް އުޅޭނަމަ، އެކަން ބަދަލުކުރެވޭނީ ބައިނަލްއަޤްވާމީ އުސޫލުތަކުގެ ތެރެއިން ކަމަށާއި، އެކަމަށް ވަގުތު ނަގާނެ ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒަށް މިކަންކަން ޙައްލު ނުވާކަމަށް ނިންމަން އަދި އަވަސްވެފައިވާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ނިންމާލަމުން ޤާސިމް ވިދާޅުވީ، ސިޔާސީގޮތުން ޤައުމު ހަލަބޮލިވެއްޖެނަމަ، އެހީތެރިކަމާއި އިންވެސްޓްމަންޓްތައް ދޭން ތިބި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ޤައުމުތަކުން ރާއްޖެ "ބްލެކްލިސްޓް" ކުރާނެކަމަށެވެ. އެހެންކަމުން ޤައުމުގެ މަޞްލަޙަތު އިސްކޮށް، އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ޤާސިމް ފާހަގަކުރެއްވިއެވެ.

